ޕީއެޗްޑީ އަށް ކިޔަވަން ސަރުކާރުން ފަހިކޮށްދޭން ނިންމާފައިވާ ފުރުސަތާ ގުޅިގެން މިހާތަނަށް 11 އިމާމަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހަައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިމާމުންގެ ތެރޭގައި އިތުރަށް ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތައް ތިބި ކަމަށާއި އެ ބޭފުޅޫން އިތުރަށް ކުރިއަށް ދާން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ޝަރުޢީ ޢިލްމުގެ ދާއިރާ އާއި އިސްލާމީ ޢިލްމުގެ ދާއިރާ ހިމެނޭ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި އިމާމުންގެ ތެރޭގައި މަތީ ފާސް ނަންގަވާފައިވާ ބޭފުޅުން ތިއްބެވުން ވަރަށް މުހިއްމެވެ.
"ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އިމާމުން ތަމްރީންކުރުމަށް ޕީއެޗްޑީ އަށް ކިޔަވަން ދާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ޢިއުލާންކުރެވޭނެ،" ޝަހީމު ވިދާޅުވި އެވެ. "އިމާމުން ފޮނުވާނެ ޤައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، މެލޭޝިއާ، ބްރޫނާއީ ފަދަ ގައުމުތައް ހިމެނޭ. އަދި ސައުދީ ޢަރަބިއްޔާގެ ބައެއް އިސްލާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާ އެކު މަޝްވަރާކޮށް އެ ގައުމުތަކަށް ފޮނުވޭނެ."
މިނިސްޓަރު ވިދާޅުވީ ބައެއް އިމާމުންނަކީ އާއިލާގެ ކައިރީގައި ތިބެގެން ތަޢުލީމު ހާސިލުކުރަން ބޭނުންވާ ބޭފުޅުންނަށްވާތީ އެ ބޭފުޅުންގެ އަމިއްލަ ރަށުގައި ވަޒީފާގައި އުޅެމުން އިތުރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަށްވާތީ އެފަދަ މީހުންނަށް
އެ ފުރުސަތު ފަހިކޮށް ދޭނެ ކަމަށެވެ. އެގޮތުން ގައުމީ ޔުނިވަރސިޓީ އާއި އިސްލާމީ ޔުނިވަރސިޓީއާ އެކީ މަޝްވަރާތައް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.
އެގޮތުން މާސްޓާސް ނުވަތަ އެއަށް ވުރެ މަތީ މަރުހަލާގެ ކޯސްތަކުގައި އިމާމުން ބައިވެރިވުމަށް ފުރުސަތު ހޯދައި ދެވޭނެ ކަމަށް ޝަހީމު ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ ބޭރުން ޕީއެޗްޑީ އަށް ކިޔެވުމަށް ފުރުސަތު ލިބޭ އިމާމުން މި އަހަރު ކިޔަވަން ފޮނުވާނެ ކަމަށެވެ.