Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ހަ މަސްތެރޭ ޑްރޯންގައި ބޭސް އުފުލަން ފަށަނީ

ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުގެ ހިދުމަތް ހަ މަސްތެރޭ ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން މިއަދު ވަނީ ޑްރޯން މެދުވެރިކޮށް ރަށްރަށަށް ބޭސް ފޯރުކޮށްދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި ގުޅޭގޮތުން ސްޓޭކްހޯލްޑަރުންނާއި އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސްތެރޭގައި މި ޚިދުމަތް ފެށުމަކީ އަމާޒެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

އެސްޓީއޯ މެދުވެރިކޮށް ޑްރޯން ބޭނުންކޮށްގެން ލެބޯޓްރީ ސާމާނު ފޮނުވުމަކީ ކުރީގެ ސަރުކާރުން ވެސް ވިސްނާފައިވާ ކަމެކެވެ. ގދ. އަތޮޅުގައި އެކަމުގެ ޓެސްޓު ދަތުރެއް މިދިޔަ އޮގަސްޓް މަހު ބޭއްވި އެވެ.

ޑްރޯންގައި ސާމްޕަލާއި ބޭސް އުފުލުމަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ތަޖުރިބާކޮށްފައިވާ ހިދުމަތެކެވެ.

ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ހިދުމަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، އަންނަ މަހުގެ އެއްވަނަ ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ވެސް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.