Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

"ފޭދޫ ޤުރުއާން މުބާރާތް" ފަށައިފި

ފޭދޫ އަވަށު އޮފީހުން އިންތިޒާމުކުރި "ފޭދޫ ޤުރުއާން މުބާރާތް 1445" 112 ދަރިވަރުންނާ އެކީ މިއަދު ފަށައިފި އެވެ.

މުބާރާތް ފެށީ ހަވީރު ފޭދޫ ސްކޫލްގަ އެވެ. އެ ސްކޫލާ ގުޅިގެން އަވަށު އޮފީހުން ކުރިއަށް ގެންދާ މުބާރާތުގެ ކިޔެވުން ވެސް ކުރިއަށް ދާނީ ފޭދޫ ސްކޫލްގަ އެވެ. އެއީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.

"ފޭދޫ ޤުރުއާން މުބާރާތް" ބާއްވަނީ ދެ ކެޓަގަރީއަކަށެވެ. އެއީ ފޭދޫ ސްކޫލް ދަރިވަރުންނާއި އެ އަވަށަށް ނިސްބަތްވާ އެކަމަކު އައްޑޫގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހާއްސަ ކެޓަގަރީ އެވެ. ފޭދޫ ސްކޫލްގެ 77 ދަރިވަރަކު މުބާރާތުގައި ވާދަކުރާ އިރު، އެހެން ސްކޫލްތަކުގައި ކިޔަވާ 35 ދަރިވަރަކު ވާދަކުރެ އެވެ.

މުބާރާތް ބާއްވަނީ ސްކޫލްތަކުގައި ކިޔަވާ ހުރިހާ އުމުރުފުރައަކަށް ވެސް ބައިވެވޭ ގޮތަށެވެ. އެއީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށެވެ.

މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދަނީ ދެ ބަޔަކަށެވެ. އެއީ ބަލައިގެން ކިޔެވުމުގެ ބަޔާއި ނުބަލައި ކިޔެވުމުގެ ބަ އެވެ. މުބާރާތުގެ ކިތޔެވުން މިއަދު ކުރިއަށް ގެންދިޔައީ ހަވީރު 5:00-6:00 އަށެވެ. މާދަމާ އާއި ހޮނިހިރު ދުވަހު ކިޔެވުން ކުރިއަށް ދާނީ ހެނދުނު 8:00-11:00 އަށް، މެންދުރު ފަހު 2:00-3:30 އަށް އަދި ހަވީރު 4:00-6:00 އަށެވެ.

މުބާރާތުގައި ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރައްވަނީ ތިން ޤާރީއެކެވެ.

ފޭދޫ އަވަށު އޮފީހުން ބުނީ މި މުބާރާތް މި އަހަރުން ފެށިގެން ދެން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ދެން ބާއްވާ މުބާރާތް މި ފަހަރަށް ވުރެ ގިނަ ބައިވެރިންނާ އެކީ މާ ފުރިހަމަކޮށް ބާއްވާނެ ކަަމަށް ވެސް އަވަށު އޮފީހުން ބުންޏެވެ.

މުބާރާތުގެ މައިގަނޑު މަގުސަދަކީ ދަރިވަރުންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖައްސައި، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމެވެ.

މުބާރާތުގެ ވަނަތައް ހޮވާ ގޮތަށް ބަލާއިރު، ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީން ދެ ޖިންސްގެ ވަކިވަކިން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން އަންހެން ފިރިހެން ވަކިން 3،2،1 ހޮވާނެ އެވެ. އަނެއް ކެގަޓަރީން ހޮވާނީ 3،2،1 އެވެ.

"ފޭދޫ ޤުރުއާން މުބާރާތް 1445" ގެ ނަތީޖާ ފާޅުކުރާނީ ކުރިއަށް އޮތް ރޯދަ މަހުގެ 17 ގަ އެވެ.