Last Updated: July 27, 19:05
Saturday, July 27, 2024
ދުނިޔެ

ރަފަހް ދޫކޮށްދާން ފަލަސްތީނު ރައްޔިތުންނަށް އަންގައިފި

ފަލަސްތީނުގެ ރަފަހް ސިޓީ ދޫކޮށްދާން ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުން އަންގައިފި އެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ބަލިކުރުމަށް ރަފަހްގައި ވަރުގަދަ އޮޕަރޭޝަނެއް ކޮންމެހެން ވެސް ހިންގަންޖެހޭ ކަމަށާއި އެކަން ކުރުމަށް އެ ސިޓީން މީހުން ހުސްކުރަންޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅޭ ހާއްސަ ޕްލޭނެއް އެކުލަވާލައި ހުށަހެޅުމަށް އެ އޮފީހުން ވަނީ އިޒްރޭލުގެ އަސްކަރިއްޔާ އަށް އަންގާފަ އެވެ.

އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި ގާތްގަނޑަކަށް 1.4 މިލިއަން މީހުން ރަފަހް ސިޓީގައި އުޅެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ރަފަހް ސިޓީގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވަމުންދާއިރު، އިޒްރޭލުގެ މި ނިންމުމަށް ބައިނަލްއަގުވާމީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވެސް ވަނީ މިކަމާ ދެކޮޅު ހަދާފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު މިހާތަނަށް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 25،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.