Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

ސްޓެލްކޯ މުވައްޒަފުންގެ ތަމްރީނެއް ގިރިފުށީގައި

ސްޓެލްކޯ މުވައްޒަފުން އެމްއެންޑީއެފްއާއެކު ލީޑާޝިޕް އެންހޭންސްމެންޓް ޕްރޮގްރާމެއް ގިރިފުށީގައި ފުރިހަމަކޮށްފިއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށް ގެންދާ މި ޕްރޮގުރާމުގެ ސަބަބުން ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ކޮލިޓީ ރަނގަޅު ކުރެވި، ސްޓެލްކޯގެ ސަފުތައް ބަދަހިކުރެވި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤު ހަރުދަނާވެގެންދާނެ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވަނީ ވިދާޅުވެފައެވެ.

އެކުންފުނިން ވަނީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުން މި ތަމްރީނު ފުރިހަމަ ކުރުމަށް އަމާޒު ހިފާފައެވެ. އެގޮތުން މިހާތަނަށް 120 މުވައްޒަފަކު ވަނީ ތަމްރީނު ފުރިހަމަކޮށްފައެވެ. މި ތަމްރީނު ކުރިއަށް ގެންދިއުމުގައި އެމްއެންޑީއެފްއިން ދެމުންގެންދާ އެހީތެރިކަމަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.


އެކުންފުނީގެ އެމްޑީ ފަހުމީ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައިސިޔާސަތަކީ ސަރުކާރުގެ އިދާރާތަކާ މުއައްސަސާތަކުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، އެ ރައްޔިތުން އެދޭގޮތަށް ހިނިތުންވުމާ އޯގާތެރިކަމާއެކު ޚިދުމަތްދިނުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މަޤާމާއި ހަވާލުވެ އެންމެ އިސްކަމެއް ދިން އެއް ކަމަމަކީ މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރު ކުރުން ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރު ކުރުމަށް ތަމްރީނެއް ކުރިއަށް ގެންދާއިރު، އެކުންފުނިން ދަނީ ރައްޔިތުންނަށް ދަތިވާ ގޮތަށް ހުރި ސްޓެލްކޯ މުދާ މަގުމަތިން ނެގުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އަދި ރޯދައިގެ ކުރިން ސްޓެލްކޯގެ ބޭނުމަށް ބަނދުކޮށްފައިވާ ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތްވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.