Last Updated: July 27, 10:14
Saturday, July 27, 2024
ދުނިޔެ

ގާޒާގެ ޝަހީދުންގެ އަދަދު 28،000 އަށް

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން ޝަހީދުވި މީހުންގެ އަދަދު 28،000 އިން މައްޗަށް އަރައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 28،064 މީހަކު ޝަހީދުވެފައިވާއިރު 67،611 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

އިޒްރޭލުން ހުއްޓުމެއް ނެތި ގާޒާ އަށް ހަމަލާތައް ދެމުން އަންނައިރު ރޭ އެކަނި ވެސް 28 މީހަކު ޝަހީދުވެފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، ގާޒާގެ ރަފަހް ސިޓީ ދޫކޮށްދާން ފަލަސްތީނު ރައްޔިތުންނަށް އިޒްރޭލުން މިހާރު ވަނީ އަންގާފަ އެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި ގާތްގަނޑަކަށް 1.4 މިލިއަން މީހުން ރަފަހް ސިޓީގައި އުޅެމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ރަފަހް ސިޓީގައި އަސްކަރީ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވަމުންދާއިރު، އިޒްރޭލުގެ މި ނިންމުމަށް ބައިނަލްއަގުވާމީ އެތައް ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެމެރިކާ އިން ވެސް ވަނީ މިކަމާ ދެކޮޅު ހަދާފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ. އަދި ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ނުރައްކާތެރި ބަލިތައް ފެތުރެމުންދާ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އދ. އިން ބުނެ އެވެ.

ހަނގުރާމަ އަށް 100 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އިޒްރޭލުން އަންނަނީ ހަނގުރާމަ ހުއްޓާލާނީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް ނެތިކޮށްލުމަށްފަހު ބުނެފަ އެވެ. ހަމާސްގެ ބެލުމުގެ ދަށުގައި މިވަގުތު އިޒްރޭލުން 100 އަށް ވުރެ ގިނަ މީހުން ތިބިއިރު އެ ޖަމާއަތުން ވަނީ އެމީހުން ދޫކޮށްލާނީ އިޒްރޭލުން ހަމަލާތައް އެއްކޮށް ހުއްޓާލުމަށް އެއްބަސްވުމުން ކަމަށް ބުނެފަ އެވެ.