Last Updated: May 8, 22:22
Wednesday, May 8, 2024
ކުޅިވަރު

އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ގަތަރަށް

ޖޯޑަން 3-1 އިން ބަލިކުރުމަށްފަހު އޭޝިއަން ކަޕްގެ ޗެމްޕިއަންކަން މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރުން ކާމިޔާބުކޮށްފި އެވެ.

މިއީ މި މުބާރާތުގެ ޗެމްޕިއަންކަން ގަތަރުން ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ.

މިރޭ ކުޅުނު ފައިނަލް މެޗުގެ 22 ވަނަ މިނެޓްގައި ގަތަރުން ވަނީ ލީޑު ނަގާފަ އެވެ. ގަތަރަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ އަކްރަމް އަަފީފް އެވެ. މެޗުގެ 67 ވަނަ މިނެޓްގައި ޔަޒަން އަލް ނައިމަޓްގެ ގޯލުން ޖޯޑަން އިން ނަތީޖާ އެއްވަރުކުރި ނަމަވެސް މެޗުގެ 71 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން އަކްރަމް ވަނީ ގަތަރަށް އަލުން ލީޑު ނަގައިދީފަ އެވެ.

ގަތަރުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އަކްރަމް އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ ވެސް ގަތަރަށް ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ އޭޝިއަން ކަޕްގެ ފައިނަލްގެ ތާރީހުގައި ވެސް ކުޅުންތެރިއަކު ހެޓްރިކެއް ހެދި ފުރަތަމަ ފަހަރެވެ.

އަކްރަމް އަކީ މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ އިތުރަށް މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާ ވެސް މެ އެވެ.

އޭޝިއަން ކަޕަކީ އޭޝިއާގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތެވެ. މިއީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ.