Last Updated: May 8, 13:10
Wednesday, May 8, 2024
ކުޅިވަރު

ލެވަކޫސަނަށް 5 ޕޮއިންޓުގެ ލީޑެއް

އަމިއްލަ ދަނޑުގައި ބަޔާން މިއުނިކް 3-0 އިން ބަލިކުރުމަށްފަހު ޖަރުމަނު ލީގުގެ އެއްވަނައިގައި ބަޔާ ލެވަކޫސަނުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލެވަކޫސަން އެއްވަނައިގައި އޮތީ 21 މެޗުން ލިބުނު 55 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި ބަޔާން އޮތީ 50 ޕޮއިންޓާ އެކު އެވެ.

މިއީ ލެވަކޫސަން ބަލި ނުވެ ފުރިހަމަ ކުރި 31 ވަނަ މެޗެވެ. އޭގެތެރެއިން 27 މެޗުން ލެވަކޫސަން މޮޅުވެފައިވާއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރޭގެ މެޗުގެ 18 ވަނަ މިނެޓްގައި ލެވަކޫސަނުން ވަނީ ލީޑު ނަގާފަ އެވެ. މި ގޯލު ލެވަކޫސަނަށް ކާމިޔާބުކޮށްދިނީ ލޯނެއްގެ ދަށުން ބަޔާނުން ލެވަކޫސަނަށް ފޮނުވާފައިވާ ޒުވާން ޑިފެންޑަރު ޖޯސިޕް ސްޓަނިސިޗް އެވެ. ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެލެކްސް ގްރިމަލްޑޯ ލެވަކޫސަންގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ތިންވަނަ ގޯލު މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ޖެރެމީ ފްރިމްޕޮންގް އެވެ.

ބަޔާންގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމަށް ލެވަކޫސަންގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ބަޔާނަކީ ފާއިތުވި 11 އަހަރު ވެސް ޖަރުމަނު ލީގުގެ ޗެމްޕިއަނުންނެވެ. ލެވަކޫސަނަށް މިހާތަނަށް ޖަރުމަނު ލީގު ކާމިޔާބު ކުރެވިފައި ނުވާއިރު އެޓީމަށް އެންމެ ފަހުން ބޮޑު މުބާރާތެއް ތައްޓެއް ކާމިޔާބު ކުރެވިފައިވަނީ މީގެ 31 އަހަރު ކުރިންނެވެ. އެއީ ޖަރުމަނު ކަޕެވެ.