Last Updated: May 9, 02:20
Wednesday, May 8, 2024
ކުޅިވަރު

ރެއާލުން އެއްވަނައިގައި ހަމަޖެހިލައިފި

ޖިރޯނާ 4-0 އިން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑުން ހަމަޖެހިލައިފި އެވެ.

ލީގުގެ އެއްވަނައިގައި ރެއާލް އޮތީ 24 މެޗުން ލިބުނު 61 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 56 ޕޮއިންޓާ އެކު ޖިރޯނާ އޮތްއިރު ތިންވަނައިގައި 23 މެޗު ކުޅެގެން 50 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ.

ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 6 ވަނަ މިނެޓްގައި ވިނީޝަސް ޖޫނިއާ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ވިނީޝަސް މި ގޯލު ކާމިޔާބު ކުރީ ޖިރޯނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މެޗުގެ 35 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. މިއީ ވިނީޝަސް ދިން ރީތި ޕާހަކުން ޖިރޯނާގެ ގޯލްކީޕަރު ނައްޓާލުމަށްފަހު ބެލިންހަމް ކާމިޔާބުކުރި ގޯލެކެވެ.

ރެއާލްގެ ތިންވަނަ ގޯލު މެޗުގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ބެލިންހަމް އެވެ. މި ދެ ގޯލާއެކު ބެލިންހަމް މި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރާފަ އެވެ. ރެއާލްގެ ފަހު ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ.

މިއީ ސްޕެނިޝް ލީގުގައި ބަލި ނުވެ ރެއާލުން ފުރިހަމަ ކުރި 18 ވަނަ މެޗެވެ.