Last Updated: May 8, 20:00
Wednesday, May 8, 2024
ޚަބަރު

އެތުލެޓިކްސް މީޓްގެ ޝަރަފުވެރި މެހުމާނަކަށް އާޒިމް

އައްޑޫގައި މިއަދު ހަވީރު ރަސްމީކޮށް ފަށަން ހަމަޖެހިފައިވާ އިންޓަ-ސްކޫލް އެތުލެޓިކްސް މީޓްގެ ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭނަ އައްޑު އަށް ވަޑައިގަންނަވާނީ މެންދުރު އެވެ. އެތުލެޓިކްސް މީޓް ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ ހިތަދޫގައި އޮންނަ އައްޑޫ ސްޓޭޑިއަމްގައި ހަވީރު 4:00 ގަ އެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު މާލޭގެ މޭޔަރު ޝަރުވެރިކޮށް ދެއްވަން ހަމަޖެހިގެން ދިޔަ އިރު، މާލޭގެ 8 ސްކޫލަކުން ވެސް މުބާރާތުގައި ވާދަކުރެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުން ޖުމްލަ 31 ސްކޫލެއް މި މަހުގެ 16 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެތުލެޓިކްސް މީޓްގައި ވާދަކުރެ އެވެ.

އައްޑޫގެ 10 ސްކޫލަކުން 500 އަށް ވުރެ ގިނަ އެތުލީޓުން މުބާރާތުގައި ވާދަކުރެ އެވެ.

އެތުލެޓިކްސްގައި ވާދަކުރާ އައްޑޫން ބޭރުގެ ސްކޫލްތަކުގެ އަދަދާއި އެތުލީޓުންގެ އަދަދު:

* ފުވައްމުލައް: 5 ސްކޫލަކުން، 211 އެތުލީޓުން
* ގއ. އަތޮޅު: 2 ސްކޫލަކުން، 59 އެތުލީޓުން
* ގދ. އަތޮޅު: 2 ސްކޫލަކުން، 45 އެތުލީޓުން
* ހދ. އަތޮޅު: 3 ސްކޫލަކުން، 15 އެތުލީޓުން
* އއ. އަތޮޅު: 1 ސްކޫލަކުން، 21 އެތުލީޓުން
* މާލެ: 8 ސްކޫލަކުން، 32 އެތުލީޓުން

އިންޓަ-ސްކޫލް އެތުލެޓިކްސް މީޓަކީ އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމުކުރާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތް އައްޑޫގައި ބާއްވަނީ ސިޓީ ކައުންސިލާ ގުޅިގެންނެވެ. މުބާރާތުގެ އިވެންޓްތައް ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވްކުރަމުން ދާނެ އެވެ. އެގޮތުން މިއަދު ހެނދުނުގެ އިވެންޓްތައް މިހާރު ދަނީ ކުރިއަށެވެ.