Last Updated: July 27, 14:36
Saturday, July 27, 2024
ޚަބަރު

"ފޭދޫ ޤުރުއާން މުބާރާތް" ނިންމާލައިފި

އައްޑޫ ފޭދޫ އަވަށު އޮފީހުން އިންތިޒާމުކޮށްގެން އެ އަވަށު ދަރިވަރުންނަށް ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތް ނިންމާލައިފި އެވެ.

"ފޭދޫ ޤުރުއާން މުބާރާތް 1445" ގެ ނަމުގައި މުބާރާތް ކުރިއަށް ގެންދިޔައީ މި މަހުގެ 8-10 އަށެވެ. މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ކިޔެވުން އޮތީ ފޭދޫ ސްކޫލްގަ އެވެ. ޖުމްލަ 112 ދަރިވަރަކު ވާދަކުރި މި މުބާރާތަކީ އެ ސްކޫލާ ގުޅިގެން ފޭދޫ އަވަށު އޮފީހުން ބޭއްވި މުބާރާތެކެވެ.

މުބާރާތް ކުރިއަށް ގެންދިޔައި ދަރިވަރުން ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފޭދޫ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކެޓަގަރީ އާއި އައްޑޫގެ އެހެން އަވަށްތަކުގެ ސްކޫލްތަކުގައި ކިޔަވާ ފޭދޫގެ ދަރިވަރުންނަށް ހާއްސަ ކެގަޓަރީ އެވެ. ފޭދޫ ސްކޫލުން މުބާރާތުގައި 77 ދަރިވަރަކު ވާދަކުރި އެވެ. އަދި އެހެން ސްކޫލްތަކުން 35 ދަރިވަރަކު ވާދަކުރި އެވެ.

ބަލައިގެންނާއި ނުބަލައި ކިޔެވުމުގައި ބައި ހިމެނޭ ގޮތަށް "ފޭދޫ ޤުރުއާން މުބާރާތް 1445" ބޭއްވީ ކީ ސްޓޭޖުން ފެށިގެން ގްރޭޑް 12 ގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

މި މުބާރާތާ ބެހޭ ގޮތުން ފޭދޫ އަވަށު އޮފީހުގެ ކައުންސިލް އެކްޒެކެޓިވް ހަސަން ޒަރީރު "އައްޑޫ ލައިވް" އަށް ވިދާޅުވީ މުބާރާތް ނިންމައިލީ ވަރަށް ކާމިޔާބު އަދި ފެންވަރު ރަނގަޅު މުބާރާތެއްގެ ގޮތުގައި ކަމަށެވެ.

"މި މުބާރާތުގެ ސަބަބުން މުސްތަގުބަލުގައި ފޭދޫގައި ޤުރުއާނަށް ލޯބި ޖެހިފައިވާ ޖީލަކަށް ކުރެވޭ އުންމީދު ހަގީތަކަށް ވާނެ،" ދެން ކޮންމެ އަހަރަކު ވެސް މިބާރާތް ބާއްވާނެކަން ފާހަގަކުރައްވައި އޭނަ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ މި ފަހަރުގެ މުބާރާގް ކުރިއަށް ދިޔަ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި މުބާރާތުގައި ވާދަކުރި ދަރިވަރުންގެ ފެންވަރު ރަނގަޅުކަން ފަނޑިޔާރުން ވެސް ފާހަގަކުރެއްވި ކަމަށެވެ. މުބާރާތް ކާމިޔާބު އަދި ފުރިހަމަ މުބާރާތާކަށް ހެދުނީ ފޭދޫ ސްކޫލުން ދިން އެހީތެރިކަމާއި އެއްބާރުކުމާ ހެދި ކަމަށް ޗެސް އޭނަ ވިދާޅުވި އެވެ. އެހެންވެ ސްކޫލަށް އަވަށު އޮފީހުގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"އަންނަ އަހަރު މި މުބާރާތް އިތުރަށް ފުޅާކޮށް، ބައިވެރިން އިތުރުކޮށްގެން ކުރިއަށް ގެންދެވޭނެ." އޭނަ ވިދާޅުވި އެވެ.

މި އަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކުރަން ހަމަޖެހިފައި ވަނީ ކުރިއަށް ރޯދަ މަހުގެ 17 ވަނަ ދުވަހު އެވެ. މުބާރާތުގެ ވަނަތައް ހޮވާ ގޮތަށް ބަލާއިރު، ފޭދޫ ސްކޫލްގެ ދަރިވަރުންނަށް ހާއްސަ ކެޓަގަރީން ދެ ޖިންސްގެ ވަކިވަކިން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިން އަންހެން ފިރިހެން ވަކިން 3،2،1 ހޮވާނެ އެވެ.

އަނެއް ކެގަޓަރީން ހޮވާނީ 3،2،1 އެވެ.