Last Updated: May 2, 06:02
Thursday, May 2, 2024
ޚަބަރު

ފައިލޭރިއާ ސްކްރީނިން ޕްރޮގްރާމު ހުކުރު ދުވަހު ފަށާނީ

އައިޖީއެމްއެޗް - ފޮޓޯ: އަވަސްަ

މުޅި ރާއްޖެއަށް އަމާޒުކޮށް ހިންގާ ފައިލޭރިއާ ސްކްރީނިން ޕްރޮގްރާމް މިމަހުގެ 16 ވަނަ ދުވަހު ފަށާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިކަމާއި ގުޅޭގޮތުން ނެރުނު އިއުލާނުގައި ބުނީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ހޮސްޕިޓަލްތަކާއި ކައުންސިލްތަކާއި އަދި ދިވެހި ރެޑް ކްރެސެންޓް ގުޅިގެން ކަމަށެވެ. މިގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އަދި ސީނާޢި މަސައްކަތް ކުރާ ބައެއް ރައްތަކާއި ރިސޯޓުތަކުގައި ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެގޮތުން ސްްކްރީނިންގައި ބައިވެރިވާނީ ކޮންމެ ރަށަކުންވެސް ގުރުއަތުން ހޮވާލެވޭ ވަކި އަދަދެއްގެ ދިވެހިންނާއި ބިދޭސީން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ސްކްރީނިންގައި ބައިވެރި ކުރާނީ 18 އަހަރުން މަތީގެ ފަރާތްތަކެވެ.

މިގޮތުން ގުރުއަތުން ހޮވޭ ގެތަކަށް ހުކުރު ދުވަހު ހަވީރު 4:00 އާއި 9:00 ދެމެދު ޒިޔާރަތް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން ބިދޭސީން ސްކްރީން ކުރުމަށް ވަޒީފާ ދޭ ފަރާތްތަކާއި އެކު މުޢާމަލާތް ކުރެވެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާއަށް ޓެސްޓު ކުރަނީ ލޭނަގައިގެން އެންޓިޖެން ޓެސްޓް ކިޓެއް މެދުވެރިކޮށެވެ. އަދި ޓެސްޓުގެ ނަތީޖާ 10 މިނެޓާއި 15 މިނެޓު ދެމެދު ލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. މި ޓެސްޓުން ޕޮޒިޓިވްވާ ފަރާތްތަކަށް ސިއްޙީ ޚިދުމަތްތެރިންގެ ބެލުމުގެ ދަށުން އެއް ފަހަރު ކާ ބޭސް ދެވޭނެއެވެ. އެހައި ހިސާބުން އެހެން މީހުންނަށް ބަލި އެ މީހެއްގެފުށުން ފެތުރުން ހުއްޓުވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ވަނީ މި ޕްރޮގްރާމުގެ ޕްރީޓެސްޓިން މަސައްކަތް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މާދަމާ ކުރެވޭނެ ކަން ހާމަކޮށްފައެވެ.

ރާއްޖެއިން ދާދި ފަހުން ފައިލޭރިއާގެ ބައެއް ކޭސްތައް ފެނިފައިވާއިރު މި ބަލި ފެތުރިޔަ ނުދީ ކޮންޓްރޯލް ކުރުމަށް އަދި ޖެހިފައިވާ ފަރާތްތައް ދެނެގަތުމަށް ގިނަ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ބަލި މިހާތަނަށް ފެނިފައިވަނީ ބިދޭސީންގެ ފަރާތުންނެވެ.