Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ވީއައިއޭ އަށް މިއަދު 10،386 ފަސިންޖަރުން، ރެކޯޑެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ދަށުން ހިންގާ ވެލާނާ އެއާޕޯޓަށް މިއަދު 10،300 އަށް ވުރެ ގިނަ މީހުން އައުމާއެކު އެރައިވަލް ރެކޯޑެއް ޤާއިމް ކޮށްފިއެވެ.

މިއީ ވީއައިއޭއަށް އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ ފަސިންޖަރުން މިހާތަނަށް އައި ދުވަސް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. ވީއައިއޭގެ އެރައިވަލް ރެކޯޑު މުގުރާލި އިރު މިއަދު ވަނީ ރާއްޖެއަށް އެއްދުވަސް ތެރޭ އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑުވެސް މުގުރާލާފައެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީން ވަނީ މިއަދު 10،213 ފަތުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާކަން ހާމަކޮށްފައެވެ.


ރާއްޖެއަށް ދުވަހުން ދުވަހަށް އަންނަ ފަތުރުވެރިން އިތުރުވަމުންދާއިރު، އެމްއޭސީއެލްއިން ދަނީ ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް މިއަހަރުގެ ޕީކް ސީޒަނަށް ބޭނުން ކުރަން ފެށުމަށް ތައްޔާރު ވަމުންނެވެ. މިއާއެކު މިހާރަށް ވުރެ ގިނަ ފަސިންޖަރުންނަށް އެއްފަހަރާ އެއްދުވަހުގެ ތެރޭ ޚިދުމަތް ދެވޭނެއެވެ.

ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 2.1 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފައި މަސައްކަތް ކުރަމުންދާ ކަމަށް ހާމަކޮށްފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.