Last Updated: July 27, 09:53
Saturday, July 27, 2024
މުނިފޫހިފިލުވުން

"ލަސްވިޔަސް" ލޯންޗް ކުރުން ބުރާސްފަތީގައި

ރާއްޖޭގެ ކުޅަދާނަ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް…" އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ލޯންޗް ކުރަން ނިންމައިފި އެވެ.

މި އަހަރުގެ އެޕްރީލް 12 ގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ ފިލްމުގެ ލޯންޗިން ހަފުލާގައި އޭގެ ރަސްމީ ޕޯސްޓަރާއި ޓްރެއިލާ އާއި ބައެއް ލަވަތަކާއި ފިލްމަށް ހާއްސަ ވީޑިއޯ ލަވައެެއް ވެސް އާންމުކުރާނެ ކަމަށް ޓެޑްރީގެ ފިލްމު ސްޓޫޑިއޯ، އިޓާނަލް ޕިކްޗާސް އިން މިއަދު ބުންޏެވެ.

މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާކުރަމުން އަންނަ ދިވެހި ފިލްމު ކަމަށްވާ "ލަސްވިޔަސް…" މިހާރު އޮތީ ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގަ އެވެ. މީގެ ދެ އަހަރު ކުރިން ޝޫޓިން ފެށި މި ފިލްމަކީ ކެންސަރާ ހަނގުރާމަކުރާ ކުޑަ އަންހެން ކުއްޖެއްގެ ވާހަކަ ކިޔައިދޭނެ އެއްޗެކެވެ.

"ލަސްވިޔަސް…" އެންމެ މުހިއްމު ރޯލެއް ކުޅެފައި ވަނީ ކުރީގެ ބަތަލާ ނިއުލާ މުހައްމަދުގެ ދަރިފުޅު، ޒޯޔާ ހަސަނެވެ. ފިލްމުގެ މައިގަނޑު އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު އީސަ (އާނަންދު) އަދި ވާޝިޔާ މުހައްމަދު ހިމެނެ އެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ފިލްމުގެ ރޯލަކުން ކުރީގެ އެކްޓަރު ރީކޯ މޫސާ މަނިކާއި މިދިޔަ އަހަރު މަރުވި ބަތަލާ ފައުޒިއްޔާ ހަސަން ވެސް ފެންނާނެކަމެވެ.

"ލަސްވިޔަސް…" ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ ޓެޑްރީގެ ފުރަތަމަ މި ފިލްމަކީ މީގެ 30 އަހަރު ކުރިން 1994 ގައި ގެނެސްދިން "ދެރިޔާ" އެވެ. "ލަަސްވިޔަސް…" އިއުލާންކުރީ 2017 ގަ އެވެ.

މި ފިލްމު ވާނީ މި އަހަރު އޮލިމްޕަހަށް އަންނަ ހަތަރު ވަނަ ފިލްމަށެވެ. "ލަސްވިޔަސް…" އަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ލަފާކޮށް މި ފިލްމަށް އޮލިމްޕަސް ނަގާފައި ވަނީ ދެ މަސް ދުވަހަށެވެ.