Last Updated: July 27, 14:36
Saturday, July 27, 2024
ދުނިޔެ

ޖަލުގައި އޮންނެވި އިމްރާނަށް ބޮޑު ކާމިޔާބީއެއް

ޕާކިސްތާންގައި ބޭއްވި އާންމު އިންތިހާބު ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޕާޓީ، ޕާކިސްތާ ތަހުރީކޭ އިންސާފު (ޕީޓީއައި) އަށް ނިސްބަތްވާ ކެންޑިޑޭޑުން ކާމިޔާބުކޮށްފި އެވެ.

އެ ޕާޓީ އަށް އިންތިހާބުގައި ވާދަކުރުމުގެ ދޮރު ބަންދުކޮށްފައި އޮތުމުން އިމްރާނަށް ތާއީދުކުރާ ކެންޑިޑޭޓުން އިންތިހާބުގައި ވާދަކުރީ އަމިއްލަ ގޮތުންނެވެ. އެގޮތުން މިއަދު ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން އިއުލާންކުރި އިންތިހާބުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުން އިމްރާނާ އެކީ ތިބި ކެންޑިޑޭޓުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 336 ގޮނޑީގެ ތެރެއިން 102 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ޕާޓީ، ޕާކިސްތާން މުސްލިމު ލީގް ނަވާޒް ޕާޓީ (ޕީއެމްއެލްއެން) އިންނެވެ. އެ ޕާޓީ އަށް 73 ގޮނޑި ލިބިފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) އިންނެވެ. އެއީ 54 ގޮނޑި އެވެ.

އިންތިހާބުގައި އިމްރާނަށް ތާއީސުކުރާ ފަރާތްތަކުން ކުރި ހޯދި ނަމަވެސް ގިނަކަންޏާ ސަރުކާރެއް އެކުލަވާލެވޭ ވަރަށް އެއްޗެސް ޕާޓީއަކަށް ގޮނޑި ލިބިފައެއް ނުވެ އެެވެ. ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އަކީ 169 ގޮނޑި އެވެ.

އެހެންވެ މިހާރު އެންމެ ބޮޑު ސަމާލުމަމެއް ހުއްޓިފައި ވަނީ ސަރުކާރެއް އުދައްދާނެ ގޮތަކާއި ދެން ބޮޑުވަޒީރަކަށް ވަޑައިގަންނަވާނެ ބޭފުޅަކާ މެދު އެވެ. ރިޕޯޓްތައް ބުނާ ގޮތުން ނަވާޒްގެ ޕާޓީން ވަނީ އިމްރާންގެ ޕާޓީ ކޯލިޝަން ހެދުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ވަރަށް ދިލަގަޑު ބޮޑު ސިޔާސީ މާހައުލެއްގެ ތެރޭގައި ބޭއްވި އާންމު އިންތިހާބުގައި ޕީޓީއައި އާއި އިމްރާނަށް ތާއީދުކުރާ ކެންޑިޑޭޓުން ބޮޑު ކާމިޔާބީއެއް ހޯދި އިރު، އިމްރާނަކީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި 2022 ވަނަ އަހަރުގެ އެޕްރީލް މަހު ބޮޑުވަޒީރުކަމުން ވަކިކޮށްފައިވާ ބޭފުޅެކެވެ. އޭގެ ފަހުން ޕާކިސްތާންގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑު ހަލަބޮލިގަނޑެއްގެ ތެރޭގަ އެވެ.

މި އިންތިހާބުގެ ނަތީޖާ އިން ދައްކުވައި ދިނީ އިމްރާނަށް ޕާކިސްތާންގައި ބޮޑު ތާއީދެއް އޮތްކަމެވެ. މިދިޔަ މަހު އޭނަ 10 އަހަރަށް ޖަލަށްލީ ދައުލަތުގެ ސިއްރުތަކެއް ލީކުކުރި ކަމަށް ބުނެ އުފުލި ދައުވާއެއް ސާބިތުވުމާ ގުޅިގެންނެވެ.