Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ރައީސް ޔޫއޭއީ އަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި މިމަހުގެ 12 އިން 14 އަށް ބާއްވާ ވޯލްޑް ގަވާމަންޓް ސަމިޓް 2024ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުޙައްމަދު މުޢިއްޒު ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސްގެ މި ދަތުރުފުޅަކީ ޔޫއޭއީ ގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މިއަހަރުގެ ވޯލްޑް ގަވަރމަންޓް ސަމިޓްގެ ތީމަކީ "ޝޭޕިންގ ފިއުޗަރ ގަވަރމަންޓްސް" އެވެ. މި ސަމިޓުގައި ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ އެކިއެކި ޖަމުޢިއްޔާ ޖަމާޢަތްތަކާއި ޕްރައިވެޓް ސެކްޓަރ އަދި އެކި ދާއިރާތަކަށް ޚާއްސަ ލީޑަރުން ބައިވެރިވެ މުސްތަޤްބަލަށް ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކުރިއަށް އޮތް ޖީލުތަކުގައި އަންނަ ސަރުކާރުތައް ބާރުވެރިކުރުމަށް ކުރަންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރެވޭނެ އެވެ.

މި ސަމިޓްގައި ރައީސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު ސަމިޓަށް ވަޑައިގަންނަވާ ބައެއް ޢިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން މި މަހުގެ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައިވެސް ރައީސް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.