Last Updated: April 29, 11:54
Monday, April 29, 2024
ޚަބަރު

މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާ ގުޅޭ މުއާހަދާގައި ބައިވެރިވަނީ

އ.ދ. ގެ ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން (ބީބީއެންޖޭ) ގައި ރާއްޖޭން ބައިވެރިވާން، ރައްޔިތުންގެ މަޖިލީހުން އެ ކަމުގައި ރުހުން ދިނުމަށް ފޮނުވަން ސަރުކާރު ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް މިގޮތަށް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގަ އެވެ.

މި މުޢާހަދާއަކީ ހައި ސީސް ނުވަތަ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ.

މި މުޢާހަދާ އެކުލަވައިލެވިގެން ދިއުމަކީ މާކަނޑުގެ މާހައުލީ ނިޒާމުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް މިހާތަނަށް ބައިނަލްއަޤްވާމީ ގޮތުން ކުރެވުނު އެންމެ މުހިންމު މަސައްކަތެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމަށާއި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުވާ މިފަދަ މުޢާހަދާއެއްގައި ދިވެހިރާއްޖެފަދަ ކުޑަ ޖަޒީރާ ޤައުމަކުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

މި މުޢާހަދާގައި ދުނިޔޭގެ 83 ޤައުމަކުން މިހާތަނަށް ވަނީ ސޮއިކޮށްފަ އެވެ.