Last Updated: May 2, 10:57
Thursday, May 2, 2024
ކުޅިވަރު

އާސެނަލުން ވެސްޓްހަމް ކޮޅަށް ލަނޑު ގޯންޏެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލުން 6-0 އިން ވެސްޓްހަމް ޔުނައިޓެޑް ބަލިކޮށްފި އެވެ.

މި މޮޅާއެކު އާސެނަލް އޮތީ 24 މެޗުން ލިބުނު 52 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 23 މެޗު ކުޅެގެން ލިބުނު 52 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތީ ގޯލުގެ ތަފާތު ކުރި ހޯދައިގެންނެވެ. އެއްވަނައިގައި 24 މެޗުން ލިބުނު 54 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ.

ވެސްޓްހަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިލިއަމް ސަލީބާ އެވެ. މެޗުގެ 41 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ބުކާޔޯ ސަކާ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު އޭގެ ތިން މިނެޓްފަހުން އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިއަންޑްރޯ ޓްރޮސާޑް ވަނީ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ހަތަރު ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އާސެނަލުން ނިންމާލިއިރު، އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިން ސަކާ އެވެ. އަދި ހަވަނަ ގޯލު އޭގެ ހަތަރު މިނެޓްފަހުން އާސެނަލަށް ކާމިޔާބުކޮށްދިނީ ކުރިން ވެސްޓްހަމަށް ކުޅުނު މިޑްފީލްޑަރު، ޑެކްލަން ރައިސް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި އެސްޓަންވިލާގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ. ޔުނައިޓެޑްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ރަސްމުސް ހޮއިލުންޑް އާއި ސްކޮޓް މެކްޓޮމިނޭ އެވެ. ވިލާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ޑަގްލަސް ލުއިޒް އެވެ.

މި މޮޅާއެކު ޔުނައިޓެޑް އޮތީ 41 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ. ވިލާ އޮތީ 46 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގަ އެވެ.