Last Updated: July 27, 14:36
Saturday, July 27, 2024
މުނިފޫހިފިލުވުން

ކާތިކަށް ކަބީރުގެ އިތުރު ފިލްމެއް

ޑައިރެކްޓަރު ކަބީރް ޚާނާ އެކީ ބޮލީވުޑްގެ ޒުވާން ތަރި، ކާތިކް އާރިއަން މަސައްކަތްކުރި ފުރަތަމަ ފިލްމު "ޗަންދޫ ޗެމްޕިއަން" ރިލީޒްވެސް ނުވަނީސް އެ ދެ މީހުން އިތުރު ޕްރޮޖެކްޓަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ކާތިކްގެ މަސައްކަތްތަކާ މެދު ކަބީރް ވަރަށް ހިތްހަމަޖެހިފައި ހުރި ކަމަށާއި އޭނައާ އެކީ އިތުރު މަސައްކަތްތަކެއް ކުރުމުގެ ޝައުގުވެރިކަން ކާމިޔާބު ޑައިރެކްޓަރުގެ މިހާރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އާ ފިލްމަކާ ބެހޭ ގޮތުން މަޝްވަރާކޮށް މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް އާ ފިލްމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދިއެއް ނެތެވެ. އެކަމަކު މާ ލަސްތަކެއް ނުކޮށް އެ ފިލްމު އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ބުންޏެވެ.

"ޗަންދޫ ޗެމްޕިއަން" ގެ ޝޫޓިން ނިންމައިލީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކުރާ މި ފިލްމަކީ ޕެރަލިމްޕިކްގައި ފްރީސްޓައިލް ފެތުމުން އިންޑިއާ އަށް 1972 ގައި ރަން މެޑެލް ހޯދައި ދިން އެތުލީޓް މުރްލީކަންތު ޕެޓްކަރަށް ބިނާކޮށް ހަދާފައިވާ އެއްޗެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޗަންދޫ ޗެމްޕިއަން" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ ޖޫން 14 ގަ އެވެ.

ކާތިކް، 33، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޖޫންގައި ރިލީޒްކުރި ކާމިޔާބު ފިލްމު "ސަތިއަޕްރޭމް ކީ ކާތާ" އެވެ. އޭނަ އަންނަ މަހުގެ ތެރޭގައި ޑައިރެކްޓަރު އަނީސް ބަޒްމީގެ "ބޫލް ބުލައްޔާ 3" ގެ ޝޫޓިން ފަށާނެ އެވެ. ކާތިކް ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "އާޝިގީ 3" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއް ހިމެނެ އެވެ.

"އޭކް ތަ ޓައިގާ" އާއި "ބަޖިރަންގީ ބައިޖާން" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަބީރްގެ އެންމެ ފަހުގެ ފިލްމަކީ ރަންވީރު ސިންގުގެ 2021 ގެ "83" އެވެ.