Last Updated: July 27, 12:08
Saturday, July 27, 2024
ދުނިޔެ

ޖަޕާނުން ޔުކްރޭނަށް 106 މިލިއަން ޑޮލަރު ދެނީ

ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ.

ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ތަންތަން އަލުން ބިނާކުރުމަށާއި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް އެހީވާން ޖަޕާނުން، ޔުކްރޭނަށް 15.8 ބިލިއަން ޔެން 106 މިލިއަން ޑޮލަރު) ދޭން ނިންމާފައިާވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖަޕާނުގެ މިޑިއާތަކުން ބުނީ އެހީގެ އެއްބަސްވުމުގައި ދެ ގައުމުން ސޮއިކުރާނީ މި މަހުގެ 19 ގައި ޓޯކިއާގައި ފަށާ ކޮންފަރެންސެއްގެ ތެރޭގަ އެވެ. އެގޮތުން އެހީގެ އެއްބަސްވުމުގައި ޖަޕާންގެ ފަރާތުން ސޮއިކުރައްވާނީ ބޮޑުވަޒީރު ފުމިއޯ ކިޝިޑާ އެވެ. ޔުކްރޭންގެ ފަރާތުން ސޮއިކުރައްވާނީ އެ ގަުއުމުގެ ބޮޑުވަޒީރު ޑެނީސް ޝުމިހަލް އެވެ.

ނަމަވެސް މިކަމާ ގުޅޭ ގޮތުން ޖަޕާންގެ ސަރުކާރުން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ ކުރީކޮޅު ރަޝިއާ އިން ޔުކްރޭނަށް ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އެ ގައުމު އޮތީ ވަރަށް ބޮޑަށް ވީރާނާވެފަ އެވެ. އަދި މިހާތަނަށް އެތައް ފުރާނަ ގެއްލިގެން ގޮސްފައިވެ އެވެ. ޔުކްރޭނަށް މިހާތަނަށް ހުޅަނގުގެ އެކި ގައުމުތަކުން އެކި ކަހަލަ އެހީތައް ދެމުން ގޮސްފައިވެ އެވެ.