ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު މަހުގެ އަގު ބޮޑު ކޮށްފައިވަނީ އެއްވެސް ހެޔޮނިޔަތެއް ނެތި ސިޔާސީ ބޭނުމަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ޝިޔާމް ހާޒިރުވެވަޑައިގެންނެވީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުންނެވެ. އެގޮތުން ދާންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔައުގޫބް ވަނީ އެމްޑީޕީ ސަރުކާރުން މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރި ކުރުން ބަދަލުކޮށް، މަހުގެ އަގު ކުޑަކުރުމުގެ ވާހަކަ އަޑުއިވޭ ކަމަށާއި، މި ސަރުކާރުން އެއްވެސް ވަރަކަށް މަހުގެ އަގު ކުޑަކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވަންތޯ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މިސަރުކާރުން މިހާރު މަހުގެ އަގު ބަދަލު ކޮށްފައިވާނެ ކަމަށެވެ. ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުން މަހުގެ އަގު ބަދަލުކޮށްފައިވަނީ 16 ސެޕްޓެމްބަރުގައި ކަމަށެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާފައިވަނީ 9 ސެޕްޓެމްބަރުގައި ކަމަށާއި އަދި ދެވަނަ ބުރުގެ ވޯޓުލުން އޮތީ 30 ސެޕްޓެމްބަރުގައިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ އޭރު މަހުގެ އަގު ބޮޑުކުރީ އެއްވެސް ހެޔޮނިޔަތެއް ނެތި ސިޔާސީ ބޭނުމަކަށް ކަމަށެވެ.
"އޭރުގެ ސަރުކާރުން [މަހުގެ އަގަށް] ގެނައި ބަދަލަކީ އެއީ ސިޔާސީ ބޭނުމެއްގައި އެއްވެސް ވަރެއްގެ ދިރާސާއެއް، އެއްވެސް ހެޔޮ ނިޔަތެއް އޮވެގެން ގެނެވުނު ބަދަލެއްކަމަކަށް އޭރުވެސް އަދި މިހާރުވެސް ނުދެކެން." މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގަތީ މަސް ގަންނަ އަގު 20 ރުފިޔާއަށްވުރެއް ދަށް ނުކުރަންކަން މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މަސްވެރިންގެ އެންމެ ބޮޑު ބޭނުމެއްގެ ގޮތުގައި ފެންނަނީ މަސްކޮޅު ކިރުމުން ފައިސާ ލިބުންކަމަށެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ފަރާތުން އިވޭ ވާހަކައަކީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އަގެއްގައި، ދައުލަތަށްވެސް ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް ބުރައަކަށް ނުވާނެ ގޮތަކަށް އެ އަގު ހިފެހެއްޓުން ކަމަށެވެ.
މިނިސްޓަރު މަޖިލީހުގައި މިއަދު މި ވާހަކަ ދެއްކެވިއިރު، މިފްކޯއަށް މަސް ގަންނަ އަގު މިހާރު ވަނީ 25 ރުފިޔާއިން 20 ރުފިޔާއަށް ބަދަލުކޮށްފައެވެ.