Last Updated: July 27, 19:05
Saturday, July 27, 2024
ޚަބަރު

ރޯދަަ މަހު ފޭދޫގައި ލޯކަލް މާރުކޭޓެއް ބާއްވަނީ

ބަޔަކު ފޭދޫ ބަނދަރުމަތި ސާފު ކުރަނީ. ފޮޓޯ/ ކައުންސިލް

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫ ފޭދޫގައި ލޯކަލް މާރުކޭޓެއް ބާއްވަން ނިންމައިފި އެވެ.

ފޭދު އަވަށު އޮފީހުން އިންތިޒާމުކުރާ މި ލޯކަލް މާރުކޭޓް ކުރިއަށް ގެންދަން ނިންމާފައި ވަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަ ދުވަސް ރޯދަ ނިމެންދެން ފޭދޫ ބަނދަރުމަތީގަ އެވެ. މީގައި ބައިވެރިވާން ބޭނުންވާ މީހުންނަށް އަންނަ މަހުގެ 1 އާ ހަމައަށް ވަނީ ޕްލޮޓް ރިޒާވްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު 6892018 އާއި 7789044 އިން ހޯދޭނެ އެވެ.

ފޭދޫގައި ބާއްވާ ލޯކަލް މާރުކޭޓާ ބެހޭ ގޮތުން އަވަށު އޮފީހުގެ ކައުންސިލް އެގްޒެކެޓިވް ހަސަން ޒަރީރު މިއަދު ވިދާޅުވީ މީގެ މައިގަނޑު ބޭނުމަކީ އެއްތާކުން ފަސޭހަކަމާ އެކީ ރޯދަ މަހު ބޭނުންވާ ގިނަ ބާވަތްތައް ލިބޭނެ ގޮތް ހަމަޖައްސައި ދިނުން ކަމަށެވެ.

"މި މާރުކޭޓުން އަޅުގަނޑުމެން ދޫކުރާނީ ޖުމްލަ ދިހަ ސްލޮޓް. އެހެންވީމަ އެންމެ ފުރަތަމަ ރިކްއެކްސްޓްކުރާ ބަޔަކަށް ސްލޮޓް ދޫކުރުމުގައި އިސްކަން ދެވޭނެ." އޭނަ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ލޯކަލް މާރުކޭޓްގައި ވިއްކޭނީ ދިވެހިން ހައްދާ ތަރުކާރީ އާއި މޭވާގެ އިތުރުން މަހުގެ ބާވަތް ފަދަ ތަކެތި ކަމަށެވެ.

"މީގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް. އަދި އިމްޕޯޓްކޮށްފައިވާ އެއްވެސް އެއްޗެއް މާރުކޭޓްގައި ނުވިއްކޭނެ." އޭނަ ވިދާޅުވި އެވެ. "މުޅިން ވެސް ދިވެހި އުފެއްދުން ވިއްކޭނީ."

ލޯކަލް މާރުކޭޓް ރޯދަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރު ނަމާދަށް ފަހު، ކުރިއަށް ދާނެ އެވެ. އަދި ރޭގަނޑު ވިޔަފާރި ހިންގަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް އޮންނާނެ އެވެ.

ރޯދަ އަށް ފޭދޫގައި ލޯކަލް މާރުކޭޓެއް ކުރިއަށް ގެންދަން ނިންމި އިރު، ރޯދައާ ދިމާކޮށް އަންނަ މަހުގެ 1-5 އަށް ފޭދޫގައި ވަނީ ނައިޓް މާކެޓެއް ވެސް ބާއްވަން ނިންމައިފަ އެވެ. އޭގައި ބައިވެރިވާން ބޭނުންވާ ވިޔަފާރިތަކަށް މި މަހުގެ 15 އާ ހަމައަށް ވަނީ ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.