ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، މަސްވެރިންނަށް މިހާރު ނުދެވިހުރީ 270 މިލިއަނެއްހާ ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިިނިސްޓަރު ޝިޔާމް ވަޑައިގެން މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައިވެއެވެ.
އެގޮތުން މަސްވެރިންނަށް ދޭންހުރި ފައިސާއާ ގުޅޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ރައިސް މުއިއްޒުގެ ސަރުކާރު ހަވާލުވިފަހުން މަސްވެރިންނަށް 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެއީ މަސްވެރިނަށް ކްރެޑިޓަށް ދޫކުރެވިފައި ހުރި ތެލާއި އައިސް ހިމަނައިގެން ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މިއަދާ ހަމައަށް މަސްވެރިންނަށް 270 މިލިއަން ރުފިޔާ ނުދެވިވާ ކަމަށެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު ހަވާލުވިއިރު، ކުރީ ސަރުކާރުން ދަރަނީގެ ގޮތުގައި 250 މިލިއަނެއްހާ ރުފިޔާ ވާރުތަވިކަމަށެވެ. އަދި ކުރީ ސަރުކާރުން މަހުގެ އަގު ބޮޑު ކުރުމަށްފަހު އެއްވެސް ވަރަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މަސައްކަތް ކުރައްވަނީ ވީހާ ވެސް އަވަހަށް މަސްވެރިންނަށް ދޭންހުރި ފައިސާ ދޫކުރުމަށް ކަމަށެވެ. އަދި މި ސަރުކާރުގެ ވައުދާ އެއްގޮތަށް ބާނާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.