Last Updated: November 14, 21:05
Thursday, November 14, 2024
ޚަބަރު

ބީއެމްއެލްގެ ޑޮލަރު ލިމިޓު 25 އަށް ކުޑަ ކުރަނީ

ޑޮލަރު ލިބުމުގެ ތާށިކަން ބޮޑުވެ، ބީއެމްއެލް ޑޮލަރު ލިމިޓު 25 ޑޮލަރަށް ކުޑަ ކުރަން ބީއެމްއެލް އިން ނިންމައިފިއެވެ.

ބީއެމްއެލްއިން މިގޮތަށް ނިންމާފައިވާއިރު ހާލަތަށް ބަދަލު ނައިސްފިނަމަ، ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭ ތަންފީޒު ކުރާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މިކަން އިތުބާރު ހުރި މަސްދަރުތަކުން އައްޑޫލައިވްއަށް ވަނީ ކަށަވަރު ކޮށްދީފައެވެ. މިގޮތުން ފުރަތަމަ ސީދާ 25 އަށް ތިރި ނުކޮށް ބަދަލު ކުރާނީ 225 އަށް ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މިއީ މިހާރުގެ ލިމިޓުގެ 10 އިންސައްތަ ދަށް ކުރުމެކެވެ. އަދި އޭގެ ފަހުން ހާލަތު ބަދަލު ނާންނަމަ 25 އަށް ތިރި ކުރުމަށް ވަނީ ރޭވިފައެވެ.

ބީއެމްއެލް ކާޑުތަކުން މިހާރު ބޭރުގެ ވިޔަފާރު ކުރުމަށް ޑެބިޓް ކާޑު ބޭނުން ކުރެވެނީ މަހަކު 250 ޑޮލަރު އެވެ. އަދި ކްރެޑިޓް ކާޑު ލިމިޓަކީ 750 ޑޮލަރެވެ. ބީއެމްއެލްއިން މި ބަދަލު ގެންނަން ނިންމާފައިވަނީ ޑޮލަރު ލިމިޓް ބަދަލު ނުކޮށް އިތުރަށް ކުރިއަށް ދެވެން ނެތި އަދި ހާލަތު ބަދަލުވާނެ ގޮތެއް ނެތި މަޖުބޫރުވުމުން ކަމަށް އައްޑޫލައިވްއާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނެއެވެ.

ބީއެމްއެލްގެ ޑޮލަރު ލިމިޓު ބޮޑުތަނުން ކުޑަ ކުރުމަށް ނިންމާފައިވާއިރު، ސަރުކާރުން ވަނީ މި ފެބްރުއަރީ މަހު ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް ޑޮލަރު ލިމިޓު 750 އިން 1200 އަށް ބޮޑުކޮށްދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެކަންވެސް ކާމިޔާބު ނުވެ ދިޔައީ ޑޮލަރު ތާށިކަން ބޮޑުވުމުގެ ސަބަބުން އެކަމަށް ބީއެމްއެލްއިން ދެކޮޅު ހެދުމުންނެވެ.

އައްޑޫލައިވްއާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ހިއްސާކުރި މައުލޫމާތުން އެނގޭގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން މިހާރުވެސް މަހެއްގެ މައްޗަށް 350 މިލިއަން ޑޮލަރު އެކި ކަންކަމުގައި ބޭރު ކުރެއެވެ. އަދި ސްޓޫޑެންޓް ޑޮލަރު ލިމިޓު 1200 އަށް ބޮޑުކޮށްފި ނަމަ މިއަދަދު 1.1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ވަނީ ލަފާކޮށްފައެވެ.

ޑޮލަރު ތާށިކަން ބޮޑުވެ، މައްސަލައަށް އަވަސް ހައްލެއް ނުލިބި ދިގުލާނަމަ އިތުރު ފިޔަވަޅުތައްވެސް ބޭންކުން އެޅުން އެކަށީގެންވާ ކަމަށް އައްޑޫލައިވްއާއި ވާހަކަ ދެއްކި ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން މިހާރުވެސް އަމިއްލަ ވިޔަފާރިތަކަށް ޓީޓީ ހެދަށް ޑޮލަރު ދިނުން ހުއްޓާލާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ ތާށި ކަމާއި އިމްޕޯޓަށް ބުރުއެރުން އެކަށީގެންވެއެވެ. އަދި މީގެ ސަބަބުން ވިތް ޑްރޯވަލް ލިމިޓަށް ބަދަލު ގެންނަން ޖެހޭ ހާލަތަށް ގޮސްދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.