Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

ރައީސާއި ނައިބު މަޖިލީހަށް ހާޒިރުކުރެވޭ ގޮތް ހަދަނީ

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހުރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވޭގޮތަށް މަޖިލީހުގެ ގަވައިދު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު އުވާލުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ. ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު އުވާލުމަށް ހުށަހެޅުއްވީ ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނަކީ މިހާރު އަމަލުކުރާ ޤާނޫނުއަސާސީ ވުޖޫދުވުމުގެވެސް ކުރީގެ ޤާނޫނެއް ކަމަށެވެ. އަދި އެ ޤާނޫނަކީ 1998 ވަނަ އަހަރުގެ ޤާނޫނުއަސާސީގެ 81 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޤާނޫނެއްކަމަށެވެ. 1998 ވަނަ އަހަރުގެ ޤާނޫނުއަސާސީގައި ވަޒީރުންނަށް ސުވާލުކުރުމަށް 14 ދުވަހުގެ ނޯޓިސް ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައި އޮންނަކަން ފާހަގަކޮށް ސަލީމް ވިދާޅުވީ މިހާރު އަމަލުކުރާ ޤާނޫނުއަސާސީގެ އެ 14 ދުވަސް ހިމަނާފައި ނޯންނަ ކަމަށެވެ. އޭގެބަދަލުގައި މިހާރުގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވަނީ، ސުވާލުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ ގޮތެއްގެ މަތިން ކަމަށާއި އެގޮތް ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވައިދުގައި ކަމަށެވެ.

"މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ އުސޫލަށް ބަލާއިރުވެސް ވަޒީރުންނާ ސުވާލުކުރުމުގެ ކަންކަން އިތުރަށް ތަފްސީލުކުރާނަމަ، ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި ހިމަނައިގެން ކުރިއަށް ގެންދިއުމަކީ މިހާރު އަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ރޫހުކަމަށް ގަބޫލުކުރެވޭ." ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސުވާލުކުރުމުގެ ކަންކަން ހިމަނާފައި އޮންނަނީ މަޖިލިސް ހިންގާ ގަވައިދުގައި ކަމަށާއި އެކަމަށް ވަކި ޤާނޫނެއް ނޯންނަ ކަމަށެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ޤާނޫނުއަސާސީގައި ބަޔާންކުރަނީ، ވެރިކަންހިންގުމުގެ ބާރުގެ ފަރާތުން ކުރާކަންކަން ރައްޔިތުންގެ މަޖިލީހުން ބަލާ ޖަވާބުދާރީ ކުރަންވާނެ ކަމަށެވެ. އަދި މިހާރު އުވާލަން ހުށަހަޅާފައިވާ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނުގައި ބަޔާންކުރަނީ ހަމައެކަނި ވަޒީރުންގެ ވާހަކަ ކަމަށާއި އެހެންކަމުން ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށެވެ.

ސަލީމް ވިދާޅުވީ ޤާނޫނުއަސާސީގައި މިހާރު ބަޔާންކުރަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެންވެސް މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުުވުމަށް އަންގާ ސުވާލު ކުރެވޭނެ ކަމަށް ކަމަށާއި، ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަށް ނޫން ކަމަށެވެ. ވަޒީރުންގެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ސަލީމް ވިދާޅުވީ ރައީސް އަދި ނައިބުރައީސް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ. އަދި ޤާނޫނުއަސާސީގައި ރައީސް ނުވަަތަ ނައިބުރައީސް ޖަވާބުދާރީވާންޖެހޭނެ ވަރަށް ހާއްސަ ހާލަތުތައްވެސް ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭ އިޖުރާއަތުތައް މަޖިލީހުގައި ކަނޑައެޅިފައި ނެތުމުން މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންކަމުން އެ އިޖުރާއަތުތައް މަޖިލީހުގެ ގަވައިދުގައި ހިމަނަންޖެހޭ ކަމަށާއި އަދި އެއީ ލާޒިމު ކަމެއްކަމަށް ދެކޭކަމަށް ވިދާޅުވިއެވެ.

ސަލީމް ވަނީ ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު އުވާލުމަށްފަހު ވަޒީރުންގެ މަޖިލީހާއި ސަރުކާރު ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހުގެ ގަވައިދަަށް ގެންނަޖެހޭ ބަދަލުތައް ގެނައުމަށް ހުށަހަޅުއްވާފައެވެ.

މިފަދަ ހުށަހެޅުއްވުމަށް ސަލީމް ހުށަހެޅުއްވިއިރު ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފަހު ދުވަސްވަރު އޭރު މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ، ކަނޑު ވިއްކާލިކަމަށް ބުނާ މައްސަލައިގައި ރައިސް ސޯލިހް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައެއެވެ. އެހެންނަމަވެސް އެ ހުށަހެޅުމަށް އޭރު މަޖިލީހުން ގޮތެއް ނިންމާފައެއް ނުވެއެވެ.