Last Updated: July 27, 10:35
Saturday, July 27, 2024
ޚަބަރު

އަބޫދާބީ ފަންޑްގެ އެހީ އަބަދު ވެސް ރާއްޖެ އަށް ލިބޭނެ

އަބޫދާބީ ފަންޑުން ރާއްޖެ އަށް އަބަދު ވެސް އެހީވަމުން އަންނަ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ "ވޯލްޑް ގަވަމަންޓްސް ސަމިޓް 2024" ގައި ބައިވެރިވެވަޑައުގަތުމަށް ޔޫއޭއީ އަށް ކުރައްވާ ދަތުރުގެ ހަވާސާގައި އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓްގެ ޑިރެކްޓަ ޖެނެރަލް، މުޙައްމަދު ސައިފް އަލް ސުވައިދީ ރައީސްގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތުގަ އެވެ.

ރައީސް ވިދާޅުވީ އަބޫދާބީ ފަންޑުން ރާއްޖެ އަށް ހުއްޓުމެއް ނެތި އެހީ ފޯރުކޮށް ދެމުން އަންނަ ކަމަށެވެ. އަދި އެ ފަންޑުގެ އެއްބާރުލުމާ އެކު ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްޤީގެ މަސައްކަތްތައް ކުރިޔަށްދާ ގޮތާ ގުޅޭ ގޮތުންނާއި ދެ ފަރާތުން ގުޅިގެން އިތުރަށް މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރެއްވި އެވެ.

އެގޮތުން ޓޫރިޒަމް ދާއިރާ އިން ގުޅުން ބަދަހި ކުރުމާ ގުޅޭ ގޮތުންނާއި ދަނޑުވެރިކަމުގެ ދާއިރާ އާއި ޞިއްޙީ ދާއިރާގެ އިތުރުން އިގުތިސާދީ ތަރައްގީގެ ދާއިރާގައި އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

އަބޫދާބީ ފަންޑްގެ ޑިރެކްޓަރު ޖެނެރަލް ދެއްކެވި ވާހަކައިގައި ރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި ހުއްޓުމެއް ނެތި އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި، ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތްތަކާ މެދު އުފާކުރައްވާ ކަމަށް ވިދާޅުވި އެވެ.