Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ޑޮލަރު ލިމިޓް ކުޑަކުރަން ނިންމާފައެއް ނުވޭ

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު - ފޮޓޯ: ރައީސް އޮފީސް

ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަ ކުރުމަށް ނިންމާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ބީއެމްއެލް އިން ކާޑުތަކުން ޑޮލަރު ލިމިޓް ކުޑަކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލް އިން އަދި ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ބޭންކުން ދީފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސުން ބުނެ އެވެ. އަދި ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

"ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފިނޭންސުން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް މީޑިއާތަކަށް ގޮވާލާފަ އެވެ.