Last Updated: July 27, 10:14
Saturday, July 27, 2024
ޚަބަރު

ހަށިވިއްކާ 100 އަށް ވުރެ ގިނަ ތަންތަން މާލޭގައި

އެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުންދާ 100 އަށް ވުރެ ގިނަ ތަންތަން މާލޭގައި އެބަހުރި ކަމަށް ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީން ފުލުހުންނާއި އިމިގްރޭޝަން އަދި ކަސްޓަމްސްއާ އެކީ ބޭއްވި ނޫސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ސެލޫން އާއި ސްޕާތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ 111 ތަނެއް މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ތަންތަނާއި ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ހަަށިވިއްކާ ބިދޭސީން ވަގުތުން އެ މީހުންގެ ގައުމުތަކަށް ފުރުވާލާނެ ކަމަށާއި އުސޫލުގެ ތެރެއިން އެ މީހަކު ބަންދުކޮށް ޝަރީޢަތް ހިންގުން ފަދަ ކަންކަން ނުކުރާނެ ކަމަށެވެ.

"މީގަ އުސޫލެއްގެ ގޮތުން މިހާރު ފޮލޯ ކުރަމުންދާ ސްޓޭންޑަޑަކީ ބިދޭސީއެއް ކަމަށްވެއްޖިއްޔާ އޭނާ ވަގުތުން ފުރުވާލާނީ ،" މިނިސްޓަރު ވިދާޅުވި އެވެ. "ރާއްޖޭގެ އިންނަ އުސޫލުގެ ތެރެއިން އޭނާ ބަންދުކޮށް އޭނަގެ މައްޗަށް ޝަރީޢަތް ހިންގާ އެއީ ވަރަށް ހަރަދު ބޮޑު އަޅުގަނޑުމެން ކުރަން ބޭނުން ވެސް ނުވާ ކަމެއް."

މާލޭގައި ހަށިވިއްކާ މައްސަލަތަކުގައ ދޭތެރެ ދޭތެރެއިން އޮޕަރޭޝަންތަކުގައި މީހުން ހައްޔަރު ކުރެ އެވެ. އަދި މިކަމުގައި އާންމުކޮށް އުޅެނީ ބިދޭސީންނެވެ.