Last Updated: July 27, 14:13
Saturday, July 27, 2024
މުނިފޫހިފިލުވުން

"ގަޖިނީ" ގެ ޑައިރެކްޓަރުގެ ފިލްމެއް ސަލްމާނަށް

އާމިރު ޚާން ކުޅުނު ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ގަޖިނީ" ގެ ޑައިރެކްޓަރު އޭއާރް މުރްގަދޯސް ދެން ހަދާ ފިލްމުގެ ބަތަލަކީ ސަލްމާން ޚާން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ މި ފިލްމަކީ ސަލްމާންގެ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޕްރޮޑިއުސަރު ސާޖިދު ނަދުއަދުވާލާ ބޮޑު ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެއް ކަމަށެވެ. ނަން އަދި ހާމަނުކުރާ މި ފިލްމުގެ ބޮޑުބައި ޝޫޓްކުރާނީ ޕޯޗްގަލް ހިމެނޭހެން ޔޫރަޕްގައި ކަމަށާއި ފިލްމުގެ މަންޒުތަކެއް އިންޑިއާގައި ވެސް ނަގާނެ ކަމަށް އެ ނޫހުން ބުންޏެވެ.

ޕިންކްވިލާ އިން ބުނީ ގޮތުގައި ގާތްގަނޑަކަށް 400 ކްރޯޑް ރުޕީސް (48.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމު އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ޕްލޭންކޮށްފައިވެ އެވެ.

ސަލްމާން ދާދި ފަހުން ކަރަން ޖޯހަރް ޕްރޮޑިއުސްކޮށް، ވިޝްނޫ ވަރުދާން ޑައިރެކްޓްކުރާ "ދަ ބުލް" ކިޔާ ފިލްމެއްގެ މަސައްކަތް ވެސް ފެށި އެވެ. މި ފިލްމަކީ ރާއްޖޭގެ "ނޮވެމްބަރު 3" އާ ގުޅިގެން އިންޑިއާ އިން އެހީވާން ހިންގި އޮޕަރޭޝަން ކެކްޓަސްއާ ގުޅުވައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. ނަމަވެސް މި ފަހުން އިންޑިއާ އާއި ރާއްޖޭގެ ގުޅުން ގޯސްވެފައިވާތީ މި ފިލްމުގެ މަސައްކަތް މިހާރު އޮތީ މަޑުޖައްސާލާފައި ކަމަށް މިދިޔަ މަހު މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ނޮވެމްބަރުގައި ރިލީޒްކުރި "ޓައިގާ 3" އެވެ.

އާންމުކޮށް ތަމަޅަ ފިލްމު ހަދާ މުރުގަދޯސްގެ އެންމެ ފަހުގެ ފިލްމަކީ ރަޖްނީކާންތާ އެކީ 2020 ގައި ގެނެސްދިން "ދަރުބާރް" އެވެ. އޭނަ އަކީ އަކްޝޭ ކުޅުނު "ހޮލިޑޭ: އަ ސޯލްޖާ އިޒް ނެވާ އޮފް ޑިއުޓީ" އާއި ސޮނާކްޝީ ސިންހާ ކުޅުނު "އަކީރާ" ގެ ވެސް ޑައިރެކްޓަރެވެ.