Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

މިދިޔަ މަހު މީރާ އަށް 3.6 ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 3.6 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާކަމަށް އެ އޮތޯރިޓީން ބުނެފި އެވެ.

މީރާ އިން މައުލޫމާތު ދިން ގޮތުގައި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 5.7 ޕަސެންޓް އިތުރު އަދަދެކެވެ. މިއީ މިއަހަރުގެ ޖެނުއަރީގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.2 ޕަސެންޓް ގިނަ އަދަދެކެވެ.

މިދިޔަ އަހަރު ޖެނުއަރީގައި ލިބުނު އާމްދަނީ އަޅައި ބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކްސް، ޖީ.ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުނެ އެވެ.

އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ރިޕޯޓްކޮށްފައިވާ އިންކަމް ޓެކްސް ލަޔަބިލިޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް މިދިޔަ އަހަރާއި އަޅައިބަލާއިރު 18.9 އިތުރުވެފައިވުމަކީ ވެސް އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް މީރާ އިން ބުނެ އެވެ.

މީގެ އިތުރުން، ސުންގަޑިއަށް ފައިސާ ދައްކާފައިވާ މިންވަރު އިތުރުވުމާއި ގުޅިގެން މިދިޔަ މަހު އިންކަމް ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު އިތުރުވެފައިވާ ކަމަށްވެސް މީރާ އިން މައުލޫމާތުދެ އެވެ. އަދި ކޮމާރޝަލް ބޭންކުތަކުން މި މަހުގެ ތެރޭގައި ބޮޑު އިންޓެރިމް ޕޭމަންޓެއް ދައްކާފައިވާކަން މީރާ އިން ފާހަގަކުރެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކުހުންނެވެ. އެއީ 1.68 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީ އިންނެވެ. އެއީ 1.41 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގެ ގޮތުގައި 99.56 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގޮތުގައި 94.62 މިލިއަން ރުފިޔާ، ޑިޕާރޗަރ ޓެކުހުގެ ގެ ގޮތުގައި 92.23 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 220.38 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެއިތުރުން މިދިޔަ މަހު މީރާ ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 16.14 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.