Last Updated: July 27, 06:11
Saturday, July 27, 2024
މުނިފޫހިފިލުވުން

ޖިންނި އަވަލި ރޯލަށް ވިދިއާ އެނބުރި އަންނަނީ

މީގެ 17 އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ކޮމެޑީ ހޮރޯ "ބޫލް ބުލައްޔާ" ގައި ޖިންނި އަވަލި މީހެއްގެ ރޯލު ކުޅުނު ބަތަލާ ވިދިއާ ބާލަން، މި ފިލްމު ސީރީޒްގެ ތިން ވަނަ ބައިން އެނބުރި އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ވާހަކަ މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރީ 2022 ގެ "ބޫލް ބުލައްޔާ 2" ގެ ބަތަލު ކާތިކް އާރިއަނެވެ. އޭނައާ އެކީ މީގެ ތިން ވަނަ ބައިގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވަމުން އަންނަ އިރު، ޖިންނި އަވަލި މަންޖުލާގެ ރޯލަށް ވިދިޔާ އެނބުރި އަންނަ ވާހަކަ ހިއްސާކޮށް، ކުރީގެ ފިލްމުގެ މަންޒަރުތަކާއި ދެވަނަ ބައިގެ މަންޒަރު ހިމަނައިގެން ކާތިކް ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ.

މި އަހަރުގެ ނޮވެމްބަރުގައި "ބޫލް ބުލައްޔާ 3" ގެނެސްދޭން ހަމަޖެހިފައިވާ އިރު، މި ފިލްމު ވެސް ޑައިރެކްޓް ކުރާނީ ދެވަނަ ބައި ވެސް ހެދި އަނީސް ބަޒްމީ އެވެ.

ވިދިޔާގެ "ބޫލް ބުލައްޔާ" 2007 ޑައިރެކްޓްކުރީ ޕްރިޔަދަރުޝަނެވެ. އޭގެ ކާސްޓްގައި އަކްޝޭ ކުމާރު، ޝައިނީ އަހޫޖާ އަދި އަމީޝާ ޕަޓޭލް އާއި ޕަރޭޝް ރާވަލް ވެސް ހިމެނެ އެވެ. އެކަމަކު ދެވަނަ ބައިގައި އެއިން އެއްވެސް ތަރިއަކު ނުހިމެނެ އެވެ. އެއީ "ބޫލް ބުލައްޔާ" ގެ ދެ ފިލްމުގައި ރާޖްޕަލް ޔާދަވް ހިމެނެ އެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބޫލް ބުލައްޔާ 2" ގެ މައިގަނޑު ކާސްޓްގައި ކިއާރާ އަދުވާނީ، ތައްބޫ، އަމަރު އުޕަދޭ، ސަންޖޭ މިޝްރާ އަދި ގޯވިންދު ނަމްދޭވް ހިމެނެ އެވެ.