Last Updated: July 27, 10:50
Saturday, July 27, 2024
ޚަބަރު

އިގްތިސާދަށް 5.5 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އިގްތިސާދަށް މިއަހަރު 5.5 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖެ ވައްޓާލާފައި އޮތް ނުރައްކާތެރި މާލީ ހާލަތުން މަސައްކަތްކޮށް، ދަރަނި އަދި ނުދައްކާ ހުރި ބިލްތައް ދައްކަމުންދާ ކަމަށެވެ.

"މިއަހަރު ރާއްޖޭގެ އިގްތިސާދު 5.5 ޕަސެންޓްގެ ކުރިއެރުމެއް ލިބޭނެ" ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ސަރުކާރުން މިހާރު ޑޮލަރު ވެސް ޖަމާކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިމިވަނީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރެވޭ އަދަދު ކުޑަ ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބީއެމްއެލް އިން އަދި ނިންމާފައި ނުވާ ކަމުގެ ޔަގީންކަން ބޭންކުން ދީފައިވާ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސުން ބުނެ އެވެ. އަދި ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

"ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" ފިނޭންސުން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އިގްތިސާދީ މިފަދަ މައްސަލަތަކުގައި ރައްޔިތުން ކަންބޮޑުވާނެ ފަދަ މޭރުމަކުން ހަބަރު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް މީޑިއާތަކަށް ގޮވާލާފަ އެވެ.