Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

އަމިއްލަ ގޮތުން ވާދަކުރަން ގިނަ ބަޔަކު އެބައެދޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ގިނަ ބަޔަކު އެދެމުންދާ ކަމަށް ޕީޕީއެމް/ޕީއެންސީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންނެވި ޑރ. އަނާރާ ނައީމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި އަނާރާ ވާދަކުރެއްވީ ހުރާ ދާއިރާ އަށެވެ. ހުރާ ދާއިރާއަށް އަނާރާއާ ވާދަކޮށް ޓިކެޓް ހޯދާފައި ވަނީ އަބްދުﷲ ވާރިސް އެވެ.

އަނާރާ މިއަދު ވިދާޅުވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކުރިމަތިލުމަށް ހުރާ ދާއިރާގެ ގިނަ ރައްޔިތުން އެދިފައިވާ ކަމަށެވެ. ނަމަވެސް އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާނެކަން އަނާރާ ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އަނާރާ ވަނީ 18 ވަނަ މަޖިލީހުގައި މަކުނުދޫ ދާއިރާ ތަމްސީލު ކުރައްވާފަ އެވެ. އެ ގޮނޑި އަނާރާ އެ ފަހަރު ކާމިޔާބު ކުރެއްވީ އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކޮށްގެންނެވެ. ނަމަވެސް ފަހުން އަނާރާ ވަނީ އަދާލަތު ދޫކޮށް ޕީއެންސީއާ ގުޅިފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމައި އަންނަނީ ކެމްޕޭނު ކުރަމުންނެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 14 ގެ ނިޔަލަށް ހަމަވާނެ އެވެ.