ދޯހާ މެރެތަންގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީޑްރޯ ގެ ނަސީބުވެރިން އުރީދޫ މޯލްޑިވްސް އިން މިއަދު އިއުލާނުކޮށްފި އެވެ.
ނަސީބުވެރިންގެ ގޮތުގައި ހޮވުނު ދެ ފަރާތަކީ ސަމަދު އަފީފް އަބްދުލާ އާއި މުހައްމަދު އަހުމަދު އެވެ.
އުރީދޫން ބުނީ މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ރަމްޒީ ހެއްކެއް ކަމަށެވެ.
ސަމަދު އަފީފް އަބްދުލާ އާއި މުހައްމަދު އަހްމަދު ނަސީބުވެރިންގެ ގޮތުގައި ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިންނެވެ. އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ހިމެނެ އެވެ.