Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ސަރުކާރުގެ ތާއީދު ވިލިނގިލީ ޕްރައިމަރީން ބަލިވި ކެންޑިޑޭޓަށް

ޕްރައިމަރީން ބަލިވި އާޒިމްއާއެކު މިނިސްޓަރު ނާޒިމް

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ގއ. ވިލިނގިލީ ދާއިރާ އިން ނާކާމިޔާބުވި ކެންޑިޑޭޓަށް ސަރުކާރުގެ އިސް ބޭފުޅުން ތާއީދުކުރައްވައިފި އެވެ.

ވިލިނގިލީ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޔަޒްމީދު މުހައްމަދު އެވެ. ޕްރައިމަރީގައި ޔަޒްމީދާއި އެންމެ ގާތުން ވާދަކުރެއްވި އާޒިމް އަބްދުލްއަޒީޒު ވަނީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމާފަ އެވެ. ޔަޒްމީދު ޓިކެޓު ހޯއްދެވީ 577 ވޯޓާއެކު އެވެ. އާޒިމަށް ޕްރައިމަރީގައި ދެވަނަ ލިބުނީ 485 ވޯޓާއެކު އެވެ.

އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅަން މިއަދު ދިޔައިރު ޕްރައިމަރީން ބަލިވި އާޒިމްގެ އަރިހުގައި އެންމެ އިސްކޮށް ހުންނެވީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އެވެ.

އެ ދާއިރާ އަށް ވާދަކުރަން ޕްރައިމަރީ ކާމިޔާބު ކުރެއްވި ޔަޒްމީދު ވެސް މިއަދު އީސީ އަށް ފޯމު ހުށަހަޅާފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީން ބަލިވި ބައެއް ފަރާތްތަކުން އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ނިންމައި އަންނަނީ ކެމްޕޭނު ކުރަމުންނެވެ. އެގޮތުން ބައެއް ދާއިރާތަކަށް ބޭފުޅުން އަމިއްލަ އަށް ކުރިމަތިލައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ވެސް ލިބިގެން ކަމަށް މައުލޫމާތު ލިބެ އެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 14 ގެ ނިޔަލަށް ހަމަވާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 17 ގަ އެވެ. ނަމަވެސް ރޯދަ މަހަށް ފަހު އިންތިހާބު ބޭއްވުމަށް ގާނޫނަށް އިސްލާހު ގެންނަން މަޖިލީހުން މިއަދު ފާސްކޮށްފައިވުމުން ފަހަރުގައި އިންތިހާބު ބާއްވާ ތާރީހަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.