Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

އެމްއާރްއެމް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

ގާނޫނުގައި ބުނާ މިންވަރަތަށް ޕާޓީގައި 3،000 މެމްބަރުން ހަމަނުވެގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ އުވައިލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ 24 ގަ އެވެ.

އެމްއާރްއެމުން ސިވިލް ކޯޓަށް ހުށަހެޅީ އެ ނިންމުން ބާތިލުކޮށް ދިނުމަށް އެދި އެވެ.

ސިވިލް ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ނިންމާ ހުކުމްކޮށްފަ އެވެ. ހުކުމް ގައި ބުނީ އެމްއާރުއެމް އުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ނިންމުމާ ގުޅިގެން ޝަރީއަތަށް ހިނގި ހަރަދުގެ ގޮތުގައި 50،000 ރުފިޔާ 7 ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މީގެ ކުރިން ވެސް 3000 މެންބަރުން ހަމަނުކުރެވުމުން އެމްއާރްއެމް އަށް އޮތީ ނޯޓިސް ދީފަ އެވެ. އެފަހަރު މެންބަރުން ހަމަކުރުމަށްފަހު ފޯމު ހުށަހެޅި ނަމަވެސް އެންމެފަހުން އީސީން ހާމަކުރި ތަފާސްހިސާބުން ދައްކާގޮތުން އެމްއާރްއެމްގެ މެންބަރުންގެ އަދަދު ހަމައެއް ނުވެ އެވެ.

މެންބަރުން ހަމަކުރުމަށް އެމްއާރްއެމްއަށް 2 ވަނަ ނޯޓިސް މިދިޔަ އަހަރުގެ ފެބުރުއަރީ 22 ގައި ފޮނުވިއިރު އެ ނޯޓިސްގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ އަހަރުގެ މޭ 22 ވަނަ ދުވަހަށެވެ.

އެމްއާރްއެމް އަކީ ނިމިގެންދިޔަ އެމްޑީޕީ ސަރުކާރު ކޯލިޝަންގައި ހިމެނުނު ޕާޓީއެކެވެ.