Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ރައީސްގެ އިގުތިސާދީ އެޖެންޑާ އަށް ތައުރީފު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އިގްތިސާދީ އެޖެންޑާ އަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖިއެވާ ތައުރީފު ކުރައްވައިފި އެވެ.

ދެ ބޭފުޅުން ބައްދަލު ކުރެއްވީ ދުބާއީގައި ކުރިޔަށްދާ ވޯލްޑް ގަވަމަންޓްސް ސަމިޓް 2024 ގައި ހަވާސާގަ އެވެ.

މި ބައްދަލުވުމުގައި އެކަމަނާ ވިދާޅުވީ ޤައުމުގައި ހުރި އެތެރޭގެ ގޮންޖެހުންތަކާއި، ބޭރު ދުނިޔޭގައި ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، މާލީ ނިޒާމު އިސްލާހުކޮށް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ރާވައި އެކަންކަން ތަންފީޒުކުރުން މުހިއްމު ކަމަށެވެ. ރައީސް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ އަގު ވަޒަންކުރައްވައި އެކަމަނާ ވަނީ ދެމެހެއްޓެނިވި ގޮތެއްގައި އިޤްތިޞާދީ ކުރިއެރުމާއި ހަމަޖެހުމަށް މަގު ފަހިކޮށްދެއްވުމަށްޓަކައި، ހިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅާއެކު، ސަރުކާރުގެ ހިންގުމަށް އިސްލާޙުތައް ގެނައުމަށް ރައީސް ދެއްވާ އަހަންމިއްޔަތު ފާހަގަ ކުރައްވާފަ އެވެ.

ރައީސް މުޢިއްޒު އިސްވެ ހުންނަވައިގެން ރާއްޖެއަށް ގެންނަވާ އިޤްތިޞާދީ އިޞްލާޙުގެ އެޖެންޑާއަށް ފުރިހަމަ އިތުބާރު އޮތްކަން ހާމަކުރައްވަމުން، ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ވެސް ތައުރީފު ކުރެއްވި އެވެ.

މީގެއިތުރުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދެފުށް ފެންނަ ގޮތަށް ޙިއްޞާކުރެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްވެސް އައިއެމްއެފް ގެ މެނޭޖިން ޑިރެކްޓަރު ތަޢުރީފު ކުރެއްވި އެވެ. އަދި ރާއްޖެއަކީ ޤުދުރަތީ ރީތިކަން ލިބިފައިވާ ޤައުމެއް ކަމަށާއި، ނަމަވެސް ތިމާވެށީގެ ނާޒުކުކަން އޮތް ޤައުމެއްގެ ގޮތުގައި ފާހަގަކުރައްވައި، މިކަންކަމަށް ވިސްނަވައިގެން، މި ކަންކަމުން އަރައިގަތުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އާ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުން މުހިއްމު ކަމަށްވެސް ވިދާޅުވި އެވެ.