Last Updated: May 2, 10:03
Thursday, May 2, 2024
ކުޅިވަރު

ޗެލްސީން ފަހަތުން އަރައި ޕެލެސް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން 3-1 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފި އެވެ.

މި މޮޅާއެކު 24 މެޗު ކުޅެގެން ލިބުނު 34 ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ 10 ވަނައިގަ އެވެ. ޕެލެސް އޮތީ 24 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ.

ޕެލެސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި ޖެފަސަން ލާމާ ވަނީ ޕެލެސް އަށް ލީޑު ނަގައިދީފަ އެވެ. ލާމާ މި ގޯލު ކާމިޔާބު ކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް މަލޯ ގުސްޓާ ނަގައިދިން ހުރަހަކުން ކޯނާ ގަލެގާ ވަނީ ޗެލްސީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ މެޗު ނިމެން ދަނިކޮށް މެޗުގެ 90 ވަނަ މިނެޓްގައި ގަލެގާ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. ކޯލް ޕާމާ ދިން ޕާހަކުން ގަލެގާ މި ގޯލު ކާމިޔާބު ކުރީ ޕެލެސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ޕާމާ ދިން ރީތި ޕާހަކުން ޗެލްސީގެ ތިންވަނަ ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒް އެވެ.

މިއީ ލީގުގައި ޗެލްސީން ޕެލެސްގެ މައްޗަށް ޖެހިޖެހިގެން ހޯދި 13 ވަނަ މޮޅެވެ. އެންމެފަހުން ލީގުގައި ޕެލެސް އިން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ.

ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ މެންޗެސްޓާ ސިޓީއާ އެވެ. ޕެލެސް ނިކުންނާނީ އެވަޓަންއާ ދެކޮޅަށެވެ.