Last Updated: July 27, 10:50
Saturday, July 27, 2024
މުނިފޫހިފިލުވުން

ބަތަލާ ވާޝިޔާގެ ހެދުންތަކެއް ވިއްކާލަނީ

ރާއްޖޭގައި މިހާރު ބާރަށް ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ވާޝިޔާ މުހައްމަދު (ޝިޔާ) ގެ ހެދުންތަކެއް އޮންލައިންކޮށް ވިއްކަން ފަށައިފި އެވެ.

މިކަމަށް ހާއްސަކޮށްގެން އޭނަ ވަނީ ކްލައުޑީތުރިފްޓް.އެމްވީގެ ނަމުގައި އޮންލައިން ޕޭޖެއް ވެސް ހިންގަމުންނެެވެ. އޭގައި ވަނީ ވިއްކަލާ ހެދުންތަކުގެ ފޮޓޯތައް ޕޯސްޓްކޮށްފަ އެވެ.

އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ބިރުވެރި ފުލްމު "ކަންބަޅި" ގެ ރޯލެއް ވެސް ކުޅެފައިވާ ބަތަލާ ބުނެފައި ވަނީ ވިއްކައިލަނީ އެކިއެކި އިވެންޓްތަކުގައި އޭނަ އެއް ފަހަރު ލާފައި ބޭނުން ނުކޮށް ހުރި ހެދުންތައް ކަމަށެވެ. އަދި މި ތަކެތި ވިއްކައިލަން ނިންމީ އުކައިލުމުގެ ބަދަލުގައި ހެޔޮ އަގެއްގައި އެހެން ބަޔަކަށް ފޯރުކޮށްދީ، ކުނިބުނި މަދުކުރުމުގެ ބޭނުމުގައި ކަމަށް ބުންޏެވެ.

ޝިޔާގެ ހެދުންތަކެއް ވިއްކައިލަމުން އަންނަ އިރު، މިއީ ރާއްޖެ އިން ބޭރުގައި ވެސް ބައެއް ސެލެބްރިޓީން އާންމުކޮށް ކުރާ ކަމެކެވެ. އެގޮތުން މިދިޔަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ބަތަލާ އާލިއާ ބަޓް އެ ފިލްމުގައި ބޭނުންކުރި ހިތްގައިމު ސާޅީތަކެއް ވިއްކާލާފައިވެ އެވެ.

އެ ފިލްމަށް އާލިއާގެ ކޮސްޓިއުމް ތައްޔާރުކުރީ އިންޑިއާގެ އެންމެ ނުފޫޒު ގަދަ އެއް ފެޝަން ޑިޒައިނަރު ކަމަށްވާ މަނީޝް މަލްއުތުރާ އެވެ.

މިހާތަނަށް ގިނަ ސީރީޒްތަކެއް ކުޅެ އަދި މިހާރު ފިލްމުތަކުން ވެސް ފެންނަމުން އަންނަ އުންމީދީ ބަތަލާ އަކީ "ދެރިޔާ" ގެ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) ގެ 30 އަހަރުން ފަހުން ގެނެސްދޭ ދެވަނަ ފީޗާ ފިލްމު "ލަސްވިޔަސް…" ގެ ވެސް ބަތަލާ އެވެ. އެ ފިލްމު ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ އެޕްރީލް 12 ގަ އެވެ.

ބައިސްކޯފުން ގެނެސްދިން 2019 ގެ "ތިން ބިބީ" އިން އެކްޓިން އަށް ނުކުތް ޝިޔާ، 24، ކުޅުނު ސީރީޒްތަކުގެ ތެރޭގައި "މިރާއީ"، "ދަރަކަ"، "އެހެނަސް"، "ހުވާކޮށްފާ ބުނަން" އަދި "ނެތީމޭ" ހިމެނެ އެވެ. އޭނަ މިހާތަނަށް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "ހެހެސް"، "ކަޅަކި" އަދި "ފްރީ ޑެލިވަރީ" ހިމެނެ އެވެ.