Last Updated: July 27, 14:13
Saturday, July 27, 2024
ޚަބަރު

"ގައުމިއްޔަތު" އަންނަ އަހަރު އާންމުކޮށް ކިޔަވައި ދޭނެ

ހިތަދޫ ސްކޫލްގައި "ގައުމިއްޔަތު" މާއްދާ ކިޔަވައި ދޭން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ދަރިވަރުންތަކެއް. ފޮޓޯ/ ހިތަދޫ ސްކޫލް

މިހާރު 11 ސްކޫލެއްގައި ޕައިލެޓް ފޭހެއްގެ ގޮތުގައި އަލަށް ތައާރަފުކުރި "ގައުމިއްޔަތު" މާއްދާ ކިޔަވައި ދެމުން އަންނަ އިރު، ދެ ފެށޭ ދިރާސީ އާ އަހަރުގައި އެ މާއްދާ އާންމުކޮށް ހުރިހާ ސްކޫލެއްގައި ކިޔަވައި ދޭން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

އެ މަނިކުފާނު އެގޮތަށް ވިދާޅުވީ އެކަމާ ބެހޭ ގޮތުން ލ. މާވަށު ސްކޫލްގެ ޕްރިންސިޕަލް ޒުލައިހާ ރަފީއު ކުރެއްވި ސުވާލަށް ޖަވާނު ދެއްވަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދާ ޕައިލެޓް ފޭސްގެ ހުރިހާ ކަމެއް ނިމުމާ އެކީ ކުރިއަށް އޮތް ދިރާސީ އާ އަހަރުގައި ސްކޫލްތަކުގައި "ގައުމިއްޔަތު" މާއްދާ ރޯލްއައުޓް ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަންނަ އަހަރުގެ ދިރާސީ އަހަރު ފަށަން ނިންމާފައި ވަނީ މާޗްގަ އެވެ.

"ގައުމިއްޔަތު" ޕައިލެޓް ޕްރިޖެކްޓެއްގެ ގޮތުގައި މިދިޔަ މަހުން ފެށިގެން މިހާރު ކިޔަވައި ދެމުން އަންނަ ސްކޫލްތަކަކީ ބ. އަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ފ. މަގޫދޫ ސްކޫލު، ތިނަދޫ އަބޫބަކަރު ސްކޫލް، އައްޑޫ ހިތަދޫ ސްކޫލް، ފުވައްމުލަކު މުހައްމަދު ޖަމާލުއްދީން ސްކޫލް، ތާޖުއްދީން ސްކޫލް، މުހިއްދީން ސްކޫލް، ސަލާހުއްދީން ސްކޫލު އަދި ވ. އަތޮޅު ތައުލީމީ މަރުކަޒުގަ އެވެ.

މި ސްކޫލްތަކުގައި "ގައުމިއްޔަތު" މާއްދާ ކިޔަވައި ދެމުން އަންނަނީ ގްރޭޑް 4 އަށެވެ.

މި މާއްދާ ތައާރަފުކުރުމުގެ މަގުސަދަކީ ދިވެހި ގައުމިއްޔަތުގެ ރުކުންތަކާއި އަގުތަކަށް އިސްކަންދީ ގައުމިއްޔަތަށް ލޯބިކުރާ އަދި ގައުމިއްޔަތުގެ ބަހާތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމެވެ. މީގެ އިތުރުން ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަކީ ވެސް "ގައުމިއްޔަތު" މާއްދާގެ މުހިއްމު މަގުސަދެކެވެ.