Last Updated: July 27, 06:11
Saturday, July 27, 2024
ޚަބަރު

ރުހުން ނުދިން މިނިސްޓަރުންގެ މައްސަލަ އެޖެންޑާނުކުރި

ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން މިނިސްޓަރަކު އަލުން އެ މަގާމުތަކަށް އައްޔަންކުރި މައްސަލައިގައި މަޖިލީހުން އަމަލު ކުރާނެ ގޮތެއް ނިމެންދެން އެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ނުކުރަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް މިއަދު ނިންމަވައިފި އެވެ.

މިދިޔަ މަހު 29 ގައި ބޭއްވި ޖަލްސާގައި ރުހުން ނުދިން މިނިސްޓަރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ. އެ ބޭފުޅުންނަށް ރުހުން ނުދިނުމުން މަގާމުން ވަކިވުމުން ރައީސް ވަނީ އަލުން މަގާމުތަކަށް އައްޔަންކުރައްވައިފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ، އެ މައްސަލައިގައި މަޖިލީހުން އަމަލުކުރާނެ ވަކި ގޮތެއް ކަނޑައެޅެންދެން އެ ވަޒީރުންނަށް ރުހުން ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒުި ފޮނުއްވި މައްސަލަ އެޖެންޑާނުކުރާނެ ކަމަށެވެ.

އެހެންވެ މިއަދަށް އެޖެންޑާކުރީ ރުހުން ނުދިން މިނިސްޓަރުން އައްޔަންކުރުމާ ގުޅިގެން ރައީސް ގާނޫނުއަސާސީ އަށް އިހުތިރާމު ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރުގެ މައްސަލަ އެވެ. އެ ގަރާރުގައި މަޖިލީހުގެ ބަރުލަމާނީ ބާރަށް ސަރުކާރުން އިހުތިރާމުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައިވެ އެވެ.

"މިއީ ދިވެހިރައްޔިތުން ދިވެހި ދައުލަތަށާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރުނެތިގެންދާނެ ފަދަ، އުނދަގޫ ހާލަތަކަށް ހިނގައިގެންދާނެ ފަދަކަމެއް ކަމުގައިވާތީ، ދިވެހި ގައުމުގެ މަސްލަހަތު އިސްކޮށްދެއްވައި، މިކަމާމެދު އަލުން ވިސްނާވަޑައިގެން، ގާނޫނުއަސާސީއަށް އިހުތިރާމްކުރައްވައި، ގާނޫނުއަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަން." ގަރާރު ހުށަހަޅުއްވަމުން އީވާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރުހުން ނުލިބުނު ވަޒީރުން އަލުން މަގާމަށް އައްޔަން ކުރުމަކީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް ލިބިދީފައިވާ ބާރު ނިގުޅައިގަތުން ކަމަށެވެ.

"އެ ހުށަހެޅުމެއް ފާސްކުރުމާއި ފާސްނުކޮށް ދޫކޮށްލުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ކަނޑުވާލައި، ހަމަ އެ މާއްދާގެ ށ. ގެ ތިން ވަނަ ނަންބަރުން، ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލުމާއި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރު ނިގުޅައިގެންދާފަދަ އަމަލަކަށް ވީހިނދު، މިއީ، ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއާއި، އަދި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް." އީވާ ވިދާޅުވި އެވެ.