Last Updated: May 2, 14:39
Thursday, May 2, 2024
ޚަބަރު

ސްޓޭޑިއަމް މަރާމާތު ކުރުމުން ސަރުކާރަށް ޝުކުރު

އެތުލެޓިކްސް ވާދަކުރާ އެތުލީޓުންތަކެއް ސްޓޭޑިއަމްގައި. ފޮޓޯ/ ސިޓީ އޮފް އައްޑޫ

މިހާރު އައްޑޫގައި ކުރިއަށްދާ އިންޓަ-ސްކޫލް އެތުލެޓިކްސް މުބާރާތާ ދިމާކޮށް އައްޑޫ ސްޓޭޑިއަމް މި ސަރުކާރުން މަރާމާތުކޮށްފައިވާތީ މޭޔަރު އަލީ ނިޒާރު ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

އެތުލެޓިކްސް މުބާރާތް ރަސްމީކޮށް ހުޅުވަން އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް، ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ސްޓޭޑިއަމް މަރާމާތުކޮށްފައިވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ސަރުކާރުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަށް މޭޔަރު ޝުކުރު އަދާކުރައްވައިފަ އެވެ.

"މި މުބާރާތް ބޭއްވުމަށް އަޅުގަނޑުމެން ތައްޔާރުވަމުން ދިޔައިރު މި ސަރުކާރުން ވަރަށް އަވަސް މަސައްކަތެއްގެ ގޮތުގައި މި މަސައްކަތް ބަޔަކާ ހަވާލުކުރެވި، މި ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާކަން އަޅުގަނޑު ފާހަގަ ކުރަން." އޭނަ ވިދާޅުވި އެވެ.

ސްޓޭޑިއަމް މަރާމާތުކުރަން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއީ ނޫރައްދީން އިންވެސްޓްމަންޓާ ހަވާލުކޮށްގެންނެވެ.

ނިޒާރު ވިދާޅުވީ ސްޓޭޑިއަމްގެ ވިނަގަނޑު ވަށައިގެން، ދުވަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ސިންތެޓިކް ޓްރެކެއް އަޅައި ދޭން ވެސް ކުރީގެ ދެ ސަރުކާރުގައި ކައުންސިލުން އެދުނު ކަމަށެވެ. އަދި އެކަން ކޮށްދިނުމަށް މި ސަރުކާރުގައި ވެސް އެދިފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ސަރުކާރުން ވީހާ އަވަހަކަށް މި ސްޓޭޑިއަމްގައި ސިންތެޓިކް ޓްރެކެއް އަޅުއްވައި މި އައްޑޫ ސިޓީ އާއި މި ދެކުނަށް ނިސްބަތްވާ އެތުލީޓުންނަށް ވީހާ ވެސް ފުރިހަމަކޮށް މިކަން ކުރުމަށް ފުރުސަތު ދިނުމަށް،" މޭޔަރު ވިދާޅުވި އެވެ. "އެކަން އަޅުގަނޑުމެން މި އެދޭ ގޮތަށް މި ދަނޑުގައި ސިންތެޓިކް ޓްރެކެއް އެޅުން."

އޭނަ ވިދާޅުވީ ސްޓޭޑިއަމް ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އެތަން މަރާމާތުކޮށޑް ދޭން ތަކުރާރުކޮށް އެދުނު ކަމަށެވެ.

"މި ސްޓޭޑިއަމަކީ އައްޑު އަށް ލިބިފައިވާ އަގުބޮޑު މުދަލަކަށް ވާއިރު ވީރާނާ ވުމަށް ދޫނުކޮށް މިތަން މަރާމާތު ކުރުމަށް،" ނިޒާރު ވިދާޅުވި އެވެ. "އެހެން ނަމަވެސް އެއްވެސް ކަމެއް ނުކޮށް މިދިޔަ ސަރުކާރުގެ ދައުރު ނިމިގެން ދިޔަކަން އަޅުގަނޑު ހިތާމައާ އެކު ފާހަގަ ކުރަން."

ސްޓޭޑިއަމް މި ފަހަރު މަރާމާތު މިކުރީ 10 އަހަރު ފަހުންނެވެ.

އެތަން މަރާމާތު ނުކުރެވި ވީރާނާވަމުން ދިޔަ މައްސަލައގައި ކަންބޑުވުން ފާޅުކޮށް 2022 ގެ ތެރޭގައި ހިތަދޫ މޫލެކެޑެ ކައުންސިލަރު އަހުމަދު ސައީދު އެކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ޔޫތު މިނިސްޓްރީގެ ސަމާލު ކަމަށް ގެނަ އެވެ. އެކަމަކު ރައީސް ސޯލިހުގެ ވެރިކަން ނިމުނީ އެކަން ކޮށް ނުދެވި އެވެ.

މިހާރު ކުރިއަށްދާ އިންޓަ-ސްކޫލް އެތުލެޓިކް މުބާރާތުގެ ފަހުން އައްޑޫގައި ސްޑޭޓިއަމްގައި ދެން އޮންނާނެ ބޮޑު މުބާރަީ ކައުންސިލުން އިންތިޒާމުކުރާ "އައްޑޫ ފުޓްބޯލް ޗެމްޕިއަންޝިޕް" އެވެ. އެ މުބާރާޔް ފަށަން ހަމަޖެހިފައި ވަނީ އެޕްރީލް 25 ގަ އެވެ.