Last Updated: July 27, 12:08
Saturday, July 27, 2024
ދުނިޔެ

އިންޑިއާގެ ދަނޑުވެރިން މުޒާހަރާގައި

ހައްދާ ބާވަތްތަކަށް އެކަށީގެންވާ އަގު ހޯދައި ދޭން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށް ބުނެ އިންޑިއާގެ ގިނަ އަދަދެއްގެ ދަނޑުވެރިން މުޒާހަރާ ކުރަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ ގިނަ އަދަދެއްގެ ދަނޑުވެރިން މުޒާހަރާ ކުރަނީ ވެރިރަށް، ނިއު ދިއްލީއާ ކައިރި ހިސާބުތަކުގައި ކަމަށެވެ. އަދި މުޒާހަރާކުރާ ދަނޑުވެރިން ދިއްލީ އަށް މިސްރާބު ޖަހާފައިވާތީ، އެ ސިޓީގެ ބޯޑަރު ބަންދުކޮށްފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

ދަނޑުވެރިން ބުނެފައިވާ ގޮތުގައި އެ މީހުން މުޒާހަރާ އަށް ނުކުންނަން މަޖުބޫރުވީ، ކަންބޮޑުވުންތައް ހައްލުކޮށް ދޭން ސަރުކާރުގެ ކަމާބެހޭ އޮފިޝަލުންނާ އެކީ ފާމާސް ޔުނިއަން އިން ބައްދަލުކޮށް މަޝްވަރާތަކެއް ކުރި ނަމަވެސް، މިހާތަނަށް އެ މީހުންގެ ޑިމާންޑްތަކަށް އެއްވެސް ކުރިއެރުމެއް ލިބެމުން ނުދާތީ އެވެ.

ދަނޑުވެރިން ބުނާ ގޮތުގައި އެ މީހުން ހައްދާ ތަކެއްޗަށް އެކަށީގެންވާ އަގު ހޯދައިދޭން ސަރުކާރުން މަސައްކަތްނުކުރާ އިރު، ދަނޑުވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ދަތިތަކަށް ވެސް މިހާތަނަށް އެކަށީގެންވާ ހައްލުތަކެއް ހޯދައި ދެވިފައެއް ނެތެވެ. ދަނޑުވެރިން ބުނާ ގޮތުގައި ވާރޭ ވެހި ފެންބޮޑުވާ ހާލަތްތަކުގައި ދަނޑުތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބޭނެ ގޮތެއް ވެދސް ނެތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެވެ.

އެހެންވެ ދަނޑުވެރިން ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހި، އެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވެސް ދަށްވަމުންދާ ކަމަށް ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ދަނޑުވެރިން ބޮޑެތި މުޒާހަރާތަކެއްކޮށްފައިވެ އެވެ. އެގޮތުން 2020 ގައި ދަނޑުވެރިން ފެށި މުޒާހަރާއެއް އަހަރެއްހާ ދުވަހަށް ދެމިގެން ވެސް ދިޔަ އެވެ.

ދަނޑުވެރިންގެ ޔުނިއަން އާއި ޓްރޭޑް ޔުނިއަން ބުނީ އަންނަ ހުކުރު ދުވަހު ހުރިހާ ދަނޑުވެރިން އުޅޭނީ ހަޅުތާލެއްގައި ކަމަށާއި އެ ދުވަހު އެއްވެސް މަސައްކަތެއް ވެސް ކުރިއަށް ނުދާނެ ކަމަށެވެ.