Last Updated: July 27, 11:09
Saturday, July 27, 2024
މުނިފޫހިފިލުވުން

އަކްޝޭގެ "ސަރުފީރާ" ގެ ޓީޒާއެއް

އަމިއްލަ އެއާލައިނެއް އުފައްދާ މީހެއްގެ ރޯލު އަކްޝޭ ކުމާރު ކުޅެފައިވާ ފިލްމު "ސަރުފީރާ" ގެ ޓީޒާއެއް ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު މިއަދު އިއުލާންކޮށްފި އެވެ.

މި އަހަރުގެ ޖުލައި 12 އަށް ތާވަލުކުރި މި ފިލްމަކީ އިންޑިއާގެ ބަޖެޓް އެއާލައިން، "އެއާ ޑެކަން" އުފެއްދި ޖީއާރް ގޯޕިނާތަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ. "ސަރުފީރާ" ހަދާފައި ވަނީ ޑައިރެކްޓަރު ސުދާ ކޮންގަރާ، މަޝްހޫރު ތަމަޅަ އެކްޓަރު ސޫރިއާއާ އެކީ ގެނެސްދިން ފިލްމު "ސޫރަރައީ ޕޮއްޓުރޫ" އަސްލަކަށް ބަލައިގެންނެވެ.

އެ ފިލްމަކީ 68 ވަނަ ނެޝަނަލް އެވޯޑްސްގައި ފަސް އެވޯޑް ހޯދި ފިލްމެކެވެ. އެއީ ސޫރިއާ އަށް ލިބުނު މޮޅު އެކްޓަރުގެ އެވޯޑާއި އަޕަރްނާ އަށް ލިބުނު މޮޅު ބަތަލާގެ އެވޯޑާއި ބެސްޓް ފީޗާ ފިލްމުގެ އެވޯޑާއި ބެސްޓް ސްކްރީންޕްލޭގެ އެވޯޑްގެ އިތުރުން ބެސްޓް ބެކްސްކޯ އެވެ.

އަކްޝޭގެ "ސަރުފީރާ" ގެ ކާސްޓްގައި ރާދިމާ މަދަން އާއި ޕަރޭޝް ރާވަލް ހިމެނެ އެވެ.

"ސިމްޕްލިފައި ޑެކަން" ގެ ހިދުމަތް 2003 ގައި ފެށުމަށް ފަހު، އޭގެ އޮޕަރޭޝަން އޭގެ ފަސް އަހަރު ފަހުން 2008 ގައި ވަނީ ހުއްޓާލައިފަ އެވެ. އޭރު އެއީ ފްލީޓްގައި 40 ބޯޓް އޮތް، 52 މަންޒިލަކަށް ދަތުރުކުރި އެއާލައިނަކެވެ.