Last Updated: December 13, 17:38
Friday, December 13, 2024
ޚަބަރު

ފްލެޓްތަކަށް ޝަރުތު ހަމަވާކަމަށް ބުނަނީ 824 މީހުން

މިނިސްޓަރ ހައިދަރު މަޖިލީހުގެ ކޮމެޓީގައި / ފޮޓޯ؛ މަޖިލިސް

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުޤީޤަށް ފަހު ފްލެޓްތަކަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ތިބީ 824 މީހުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓުތަކަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު 4000 މީހުންނަށް ފްލެޓު ހަވާލު ކުރުމަށް ކުރީ ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން ޝަރުތު ހަމަވަނީ އެންމެ 20 އިންސައްތަ މީހުންގެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައާއި ބެހޭ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހައުސިންގް މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ، މިނިވަން މުޢައްސަސާއަކުން ޝަރުތު ހަމަނުވާ ކަމަށް މިހާ ބޮޑު އަދަދެއްގެ މީހުން ކަނޑައެޅީމަކީ ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް އެގޮތަށް ކަނޑައަޅާނަމަ ދެން ފްލެޓު ދެވޭނީ އެކަން ބަލާފައި ޝަރުތު ހަމަވާ މީހުންނަށް ކަމަށާއި އަދި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށެވެ.

މިނިސްޓަރ ވިދާޅުވި ގޮތުގައި ސަރުކާރާއި ހަވާލުވިއިރުވެސް ފްލެޓުގެ ކަންކަން އޮތީ އެސީސީން ހުއްޓުވާފައި ކަމަށާއި، 11 ޑިސެމްބަރުގައި ފްލެޓުގެ ބައި ވަކިކޮށް އޭސީސީއަށް ޕޯޓަލް އެކްސެސް ދީފައިވާ ކަމަށެވެ. އަދި އޭގެ ބެކަޕް ނަގައި އޭސީސީން މިނިސްޓްރީއަށް އަނބުރާ އެކްސެސް ވަރަށް އަވަހަށް ދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް ދެ ތިން ދުވަހެއްގެ ތެރޭ އެކްސެސް ލިބުމުން ޝަރުތު ހަމަވާ މީހުންނަކީ ކޮބައިކަން ކަނޑައެޅިގެން އެނގި އެ މީހުންނަށް ގުޅައިގެން ފްލެޓް ހަވާލު ކުރުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

" ކުރިއަށް އޮތް ހަފްތާގައި އިރާދަ ކުރެއްވީއްޔާ އަޅުގަނޑުމެންނަށް(ފްލެޓު ދިނުމުގެ މަސައްކަތް) މަސައްކަތް ފަށައިގަނެވޭނެ. ގާތްގަނޑަކަށް 2 ހަފްތާ ދުވަހުގެ ތެރޭގައި އަޅުގަނޑަށް ހީވަނީ ނިންމާލެވޭނެހެން. 824 މީހުން މިއުޅެނީ ޝަރުތު ހަަމަވާކަމަށް. " މިނިސްޓަރ ހައިދަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ލިސްޓުގައި ހުރި މައްސަލަތައް އޭސީސީން ފާހަގަކޮށްދީފައިވާ ކަމަށާއި، ނަމަވެސް މައްސަލަތައް ހުރި ފަރާތްތަކަށް އެކަން އަންގައި ޕޮއިންޓް ލިބުނު ގޮތް އަޅާ ކިއުމަށް މިވަގުތު ޕޯޓަލް މިނިސްޓްރީއަށް އެކްސެސް ނެތް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ޝަރުތު ހަމަނުވާ ފަރާތްތަކުގެ އަތުން ފްލެޓު އަތުލާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ. އެގޮތުން އެއްބަސްވުމުގައި ދޮގު މައުލޫމާތެއް މިނިސްޓްރީއަށް ދީފި ނަމަ ބާތިލް ކުރެވޭނެ ކަން އޮންނަ ކަމަށް މިނިސްޓަރ ހައިދަރު ވަނީ ވިދާޅުވެފައެވެ.