Last Updated: May 2, 10:03
Thursday, May 2, 2024
ޚަބަރު

އައްޑޫގެ ކުޅިވަރަށް ކުރި ހަރަދު 40 އަހަރާ ނުބައްދަލު

އަހުމަދު މަހުލޫފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ ފަސް އަހަރު އައްޑޫ ސިޓީގައި ކުޅިވަރު ކުރިއަރުވަން ކުރި މަސައްކަތާއި ކުރި ހަރަދު އޭގެ ކުރީގެ 40 އަހަރާ ނުބައްދަލު ވާނެ ކަމަށް ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވެފައިމިވަނީ އައްޑޫ ސްޓޭޑިއަމް ވަރަށް ބޮޑަށް ހަލާކުވެފައި އޮތުމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވެސް އެތަން މަރާމާތުކޮށް ދޭން ތަކުރާރުކޮށް އެދުނު ނަމަވެސް އެކަން ކޮށްދީފައި ނުވާތީ އައްޑޫ މޭޔަރު އަލީ ނިޒާރުގެ ފާޑުކިޔުންތައް ކުރީ ސަރުކާރަށް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމާ ގުޅިގެން މަހުލޫފް ވިދާޅުވީ އައްޑޫ ސްޓޭޑިއަމް މަރާމާތުކުރިކަން ނިޒާރަށް އެނގިވަޑައިނުގަތީކަމަށް ވެދާނެ ކަމަށާއި ނަމަވެސް ދެވަނަ ފަހަރަށް އެ އިމާރާތް ބާވެފައިހުރި ވަރުން، ކުރީގެ ސަރުކާރުން ނިންމީ ހިތަދޫގައި ސިންތެޓިކް ޓްރެކެއް ތަރައްގީކުރަން ކަމަށެވެ. އެގޮތުން އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 40 މިލިއަން ޑޮލަރު ހޯދާ އެ ޕްރޮޖެކްޓު ތަކުގެ ތެރޭގައި ހިތަދޫ ސިންތެޓިކް ޓްރެކް ތަރައްގީކުރަން ބޭނުންވާ 1.6 މިލިއަން ޑޮލަރު ހަމަޖެހިފައިވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ބިޑުތައް ނަގާ އިވެލުއޭޝަން ވާނީ ނިންމާފަ. މިސަރުކާރަށް ހަމައެކަނި އޮތްކަމަކީ ވީހާވެސް އަވަހަށް ސޮއިކޮށް މަސައްކަތް ފެށުން. ހިތަދޫ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ގެ ބިޑު ނަގާ އިވެލުއޭޝަންް ވާނީ ނިންމާފަ. އަވަހަށް ސޮއިކޮށް މަސައްކަތް ފަށަންވީ،" މަހުލޫފް ވިދާޅުވި އެވެ.

‎ފާއިތުވި 5 އަހަރު އައްޑޫގައި ކުޅިވަރު ތަރައްގީ ކުރުމަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރެވިފައިވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ. އޭގެ ތެރޭގައި 4 ބޮޑު ފުޓުބޯޅަ ދަނޑު، 2 ސުވިމިން ޓްރެކު، ބެޑްމިންޓަން އިންޑޯ، އައުޓްޑޯ ވޮލީ ކޯޓު، އައުޓްޑޯ ޖިމް، އަދި ކުޑަކުދިންގެ ޕާކު އަދި 3 ފުޓްސަލް ދަނޑު ހިމެނޭ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

‎މީގެއިތުރުން ބެޑްމިންޓަން އިންޑޯ ވީރާނާވެގެން ދިޔަ ނުދިނުމަށް އެތަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށް ރަނގަޅު ބެޑްމިންޓަން ޑިވެލޮޕްމަންޓު ޕްރޮގްރާމެއް ހިންގަން ތަކުރާރުކޮށް އާދޭސްކުރެވުނު ކަމަށްވެސް ވިދާޅުވި އެވެ. އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރުމަށް ޓީޓީ އެސޯސިއޭޝަނާއެކު ކުރި މަސައްކަތް ކާމިޔާބު ނުވީ ކައުންސިލުގެ އެއްބާރުލުން ނުލިބިގެންކަން ފާހަގަކުރި އެވެ.

"އިންޑޯ ވޮލީ ކޯޓު ހަދަން ކައުންސިލާ ހަވާލުކުރިތާ 3 އަހަރު ވީއިރުވެސް އެ މަސައްކަތް ނުފެށުނު. ދެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމުނީ 3 އަހަރުން،" އޭނާ ވިދާޅުވި އެވެ.

މަހުލޫފް ވަނީ އައްޑޫ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ނިޒާރު ދެއްކެވީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކައެއް ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ 5 އަހަރު އައްޑޫގައި ކުޅިވަރު ކުރިއަރުވަން ކުރި މަސައްކަތާއި ކުރި ހަރަދު އޭގެކުރިން ފާއިތުވި 40 އަހަރާވެސް ނުބައްދަލުވާނެ ކަމަށްވެސް ވިދާޅުވި އެވެ.