Last Updated: July 27, 11:14
Saturday, July 27, 2024
ޚަބަރު

ޔާމީންގެ ތާއިދާއެކު މަޖިލިސް އިންތިހާބަށް 40 ކެނޑިޑޭޓުން

ރައީސް ޔަމީންގެ ތަޢީދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 40 ކެންޑިޑޭޓެއް ވާދަ ކުރައްވާނެ ކަމަށް ޔާމީން އުފައްދަވަން މަސައްކަތް ކުރައްވަމުން ގެންދަވާ ޕީޕަލް ނޭޝަނަލް ފްރޮންޓް އިން ހާމަކޮށްފިއެވެ.

ޕީއެންއެފްގެ ތާއިދު އޮތް ކެނޑިޑޭޓުންތަކެއް ވަނީ މިއަދު އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައެވެ. މި ފޯމުތައް ހުށަހެޅުމަށް ވަޑައިގެން ބޭފުޅުންގެ ތެރޭގައި ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދީފައިވާ ރައީސް ޔާމިން ދަރިކަލުން ޒެއިން ޔަމީން އާއި ކުރީގެ މިނިސްޓަރ މަލީހު ޖަމާލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވަޑައިގެންނެވިއެވެ.


އޭސީސީއަށް ފޯމުތައް ހުށަހެޅުއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކުރީގެ މިނިސްޓަރ މަލީހު ޖަމާލް ވިދާޅުވީ، ސިޔާސީ ދައިރާ ދެ ފަޅިއަކަށް ބެހިފައިވާއިރު ޤައުމީ ފިކުރުގައި ތިއްބެވީ ރައީސް ޔާމީންއަށް ތައީދު ކުރައްވާ ބޭފުޅުން ކަމަށެވެ. އެގޮތުން މިއަދާއި މާދަމާ ކެނޑިޑޭޓުން ފޯމުތައް ހުށަހެޅުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް ޕީއެންއެފްއިން ބުނެއެވެ.

"ރައްޔިތުންގެ މަޖިލީސް އިންތިހާބު ޕީއެންއެފް ޕާޓީ ރެޖިސްޓަރ ވުމުގެ ކުރިން ކުރިމަތިވާތީ، ރައީސް ޔާމީންގެ ތާއިދާއި އެންޑޯސްމެންޓާއި އެއްކޮށް، މި އިންތިހާބުގައި ގާތްގަނޑަކަށް 40 ފަރާތަކުން ވާދަ ކުރައްވާނެ ރައީސް ޔާމީންގެ އެންޑޯސްމެންޓް ލިބިވަޑައިގެން. އޭގެ އިތުރަށް ޕީއެންސީގައިވެސް އެބަތިބި ރާއީސް ޔާމީނަށް ތާއިދު ކުރައްވާ ވަފާތެރި އެމްޕީ ކަމަށް ވާދަ ކުރައްވާ ބޭފުޅުން. އެބޭފުޅުންނަށް ވޯޓު ދެއްވުމަކީވެސް އަޅުގަނޑުމެން އެދޭ އެދުމެއް. " މަލީހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް ވަނީ، ރައީސް ޔާމީން ޖަލު ހުކުމެއްގައި މިހާރުވެސް ހުންނަވާ އިސްތިއުނާފުގެ މައްސަލަ ލަސްވަމުންދަތީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީންއަށް ކަރެކްޝަންސް އިން ލުއިތަކެއް ދެއްވާފައިވީ ނަމަވެސް، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހުއްދަ ނޯވެއެވެ. ނަމަވެސް އެމަނިކުފާނުގެ ގެންދަވަނީ ޕީއެންއެފްއިން ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވަމުންނެވެ.