Last Updated: April 30, 17:09
Tuesday, April 30, 2024
ޚަބަރު

އާޓިފިޝަން އިންޓެލިޖެންސް ބޭނުންކުރަން އިސްކަންދޭނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު- ފޮޓޯ: ރައީސް އޮފީސް

ކަރުދާސް ބޭނުންކުރުން ހުއްޓާލައި، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުބާއީގައި މިހާރު ކުރިއަށްދާ ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ދެއްވި ތަޤުރީރުގައި ރައީސް ވިދާޅުވީ ރާއްޖޭގައި އުފެއްދުންތެރިކަމާއި ވިޔަފާރީގެ ދާއިރާ އިތުރަށް ފުޅާ ކުރުމުގެ ގޮތުން ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ވަސީލަތްތައް ބޭނުންކުރުމަށް މި ސަރުކާރުން އަހަމިއްޔަތު ދޭ ކަމަށެވެ. އެގޮތުން މެނިފެސްޓޯގެ މުހިންމު ވައުދުތައް ތަކުރާރުކުރައްވައި، ސަރުކާރު ހިންގުމާއި އާންމު ޚިދުމަތްތައް ދިނުމުގައި ކަރުދާސް ބޭނުންކުރުން ހުއްޓާލައި، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރުމަށް ސަރުކާރުން އިސްކަންދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިޤްތިޞާދީ ތަރައްޤީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި އެ މަސައްކަތުގެ ފެށުމެއްގެ ގޮތުގައި ރަސް-މާލެ އިކޯ-ސިޓީ މަޝްރޫޢު ފަށާފައިވާކަމުގައި ވިދާޅުވި އެވެ. މި މަޝްރޫޢު ފެށުމުގެ އަމާޒަކީ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް 65،000 ހައުސިންގ ޔުނިޓް ފޯރުކޮށްދީ، ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އާ ދެމެހެއްޓެނިވި ސިޔާސަތުތަކެއް ކަނޑައަޅައި ކުރިއެރުވުން ކަމަށާއި މިގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަރބަން ސެންޓަރުތައް ތަރައްޤީ ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށީގެ މާހައުލާއި، މޫސުމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް ރައީސް ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން ރައީސްގެ ވާހަކަފުޅުގައި އިޢާދަކުރަނިވި ހަކަތަ 33 އިންސައްތައަށް އިތުރުކުރުމާއި، ރާއްޖޭގައި ބަޔޮސްފިއަރ ރިޒަރވްތަކާއި ނޭޗަރ ޕާކްތައް އިތުރުކުރުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސް އިންދުމާއި، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ވަރޓިކަލް ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ހޯދުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ފިޔަވަޅު އެޅުމަށް އިސްކަންދީ، 20 އަހަރަށް އެކުލަވާލާ ތަރައްޤީގެ ޕްލޭނެއް ތަންފީޒުކުރުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.