Last Updated: October 8, 11:40
Tuesday, October 8, 2024
ޚަބަރު

އެމް-ފައިސާ އިން މިހާރު ޓްރަވެލް އިންޝޫރެންސް

އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކަފުލް ގުޅިގެން، އާއްމުންނަށް އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ނެގޭގޮތް ހަދައިފިއެވެ.

އުރީދޫ އިން ބުނީ އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ އެކުންފުންޏާއި އަމާނަ ތަކާފުލް މޯލްޑިވްސް އާއި ގުޅިގެން ދަތުރުކުރާ ފަރާްތްތަކަށް ފަސޭހައިން ޓްރެވެލް އިންޝޫރެންސް ނެގޭ ގޮތަށް ތައްޔާރު ކުރި ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. މިޕެކޭޖު ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު އެމްފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ ގޮތަށެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. މިޕެކޭޖުން ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުން ތަކަށް ބަދަލު ފޯރުކޮށްދެވޭނެއެވެ.

މިގޮތުން މިޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރ އާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެއެވެ. މީގެ އިތުރުން ކުއްލިހާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ހާލަތުގައި) ބޭސްފަރުވާގެ ހަރަދުތައް 1،542،000 ރ އާއި ހަމައަށްށް ބަދަލު ފޯރުކޮށްދެވޭނެއެވެ.

ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި، މެދުވެރިވި ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ހާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އުސޫލުތަކެއް ހިމެނިފައިވާނެއެވެ. މީގެ އިތުރުން ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގައިވެސް ބަދަލު ފޯރުކޮށްދެވޭނެއެވެ. ހަމައެހެންމެ ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތް ނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަ ބަދަލުދެވޭ އުސޫލުތަކެއް ހިމެނިފައިވާނެއެވެ.

ކަސްޓަމަރުންނަށް މިޕެކޭޖް 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނަންގަވާލެވިދާނެއެވެ. މިޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އެންމެ އަގުހެޔޮ އޭޝިޔާ ޕެކޭޖް ލިބެން ހުންނާނެއެވެ. މީގެ އިތުރުން އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރައްވާ ބޭފުޅުންނަށް ހާއްސަ ޕެކޭޖެއްވެސް ލިބެން ހުންނާނެއެވެ.

އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް އަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުކަން އުފަލާއެކު ފާހަގަ ކުރަމެވެ. މިޕެކޭޖުގެ އަގު މިކަނޑައެޅިގެންދަނީ ނަންގަވާ މުއްދަތަކަށާއި ދަތުރު ކުރައްވާ ގައުމަކަށެވެ. މިގޮތުން އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރައްވާނަމަ ދައްކާލަން ޖެހިވަޑައިގަންނަވަނީ އެންމެ 117 ރުފިޔާއެވެ.

"ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ ސަބަބުން އިންޝުއަރެންސް ދާއިރާއަށް ގިނަ ފުރުސަތުތަކެއް ހުޅުވި، ސިނާއަތަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ހުޅުވެމުންދެއެވެ. ކަމެއްގެ ހައްލު ތިލަކޮށް ނުދެވެންޏާ މީހުނަށް އެމީހުން ބޭނުންވާ އެއްޗެއް ނޭނގޭ. އުރީދޫ ފަދަ ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކާއި އަމާނާ ތަކަފުލް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ފުރިހަމަ ޓްރެވަލް އިންޝުއަރަންސެއް، ޖީބަށްކަތާވަރުގެ އަގެއްގައި، އުރީދޫގެ އެމް-ފައިސާ ފަދަ ޕްލެޓްފޯމަކުން ލިބެންހުރުމަކީ މިފަދަ ޕްރަޑަކްޓެއް ބަލައިގަތުމަށް ފަސޭހަވެގެންދާނެ ކަމެކެވެ." އިބްރާހިމް ރިޔާޒު، ޖެނެރަލް މެނޭޖަރ، އަމާނާ ތަކަފުލް ވިދާޅުވިއެވެ.

"އަމާނަ ތަކަފުލްއާއެކު މިއަދު އަޅުގަނޑުމެން މި ލޯންޗުކުރީ އެމް-ފައިސާ އަށް ޙާއްސަ ޑިޖިޓަލް އިންޝުއަރަންސް ޙިދުމަތެއް. އެމް-ފައިސާ ބެނުންކޮށްގެން ފަސޭހަކަމާއެކު އުރީދޫ ސުޕަރއެޕް މެދުވެރިކޮށް މި އިންޝުއަރަންސް ޕްލޭން ބައްލަވައިގަނެވޭނެ. ޑިޖިޓަލް މޯލްޑިވްސް އަކަށް ބޭނުންވާނެ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް އުރީދޫއިން އަބަދުވެސް މިދަނީ ހޯދަމުން. އަމާނާ ތަކަފުލް އާއެކު އިތުރު ޑިޖިޓަލް އިންޝުއަރަންސް ޕްލޭންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް މިހާރުވެސް މިދަނީ މަސައްކަތްކުރަމުން." އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވިއެވެ.

މިޕެކޭޖް 65 އަހަރުން ދަށުގެ ކޮންމެބޭފުޅަކަށްވެސް ނަންގަވާލެވިދާނެއެވެ. އަދި އެހެންމެ އެއްކޮށް ދަތުރު ކުރައްވާ ބޭފުޅުންނަށް ވަކި ވަކި ޕެކޭޖު ބައްލަވައި ގަތުމުގެ ބަދަލުގައި އެއްޕެކޭޖުގައި ހުރިހާ ބޭފުޅުން ހިމަނާލެވުމުގެ ފަސޭހަވެސް ލިބިގެންދެއެވެ.

މިޕެކޭޖުން ބަދަލު ހޯއްދެވުމަށްޓަކައި އެކްސިޑެންޓެއް ދިމާވުމުން ވީހާވެސް އަވަހަކަށް އަމާނަ ތަކަފުލް މޯލްޑިވްސް އާއި ހިއްސާ ކުރުމަށްފަހު ހަރަދުވި ބިލްތައް ހުށައެޅުމުން ބަދަލު ފޯރުކޯށްދެވޭނެއެވެ. މީގެ އިތުރުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެމެޖެންސީ ހާލަތުގައި ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި އަމާނަ ތަކަފުލް މޯލްޑިވްސްގެ ތާޑްޕާޓީ އެޖެންޓުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެކި އެކި ސަރަހައްދުތަކުގައި ތިއްބަވާނެއެވެ.