Last Updated: May 21, 09:15
Tuesday, May 21, 2024
ޚަބަރު

ގުޅީފަޅު ހިއްކުން ހުއްޓުވި މައްސަލަ އިސްތިއުނާފު ކުރަނީ

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް- ފޮޓޯ: ރައީސް އޮފީސް

ހައިކޯޓުން ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހުއްޓުވި މައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

މިރޭ ސޯޝަލް މިޑީއާގައި ކުރެއްވި ޕޯސްޓެއްގައި އޭޖީ އުޝާމް ވިދާޅުވީ، މިމަޝްރޫޢު އަކީ އެތަށް ބިލިއަން ރުފިޔާގެ އަގުހުރި މަޝްރޫޢެއް ކަމަށެވެ. އަދި މަސައްކަތުގެ 80 އިންސައްތަ މިހާރު ނިމިފައިވާއިރު، މި މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކީ ދައުލަތަށް އެތަށް މިލިއަން ރުފިޔާއެއްގެ ގެއްލުން ވަމުންދާ ދުވަހެއް ކަމަށް ވިދާޅުވިއެވެ.

" އަދި ގުޅިފަޅު ބިން ހިއްކުމުގެ %80 ވަރު މިހާރު ނިމިފައިވާއިރު، މިމަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކު ދައުލަތަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން ވާނެ. ދައުލަތުގެ ފަރާތުން މިނިންމުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް މިހާރު ވާނީ ނިންމާފަ." އުޝާމް ނިންމާފައެވެ.

ކުރީ ސަރުކާރުން ގޯތި ދޫކުރުމަށް ނިންމާފައިވާ ގުޅީފަޅު މަސައްކަތް ހުއްޓާލުމުގެ ވަގުތީ އަމަރެއް ހައިކޯޓުން ނެރެފައިވަނީ، އެތަން ހިއްކަނީ ތިމާވެށްޓަށް ގެއްލުން ލިބޭ ގޮތަށް ކަމަށް ބުނެ އެ މަޝްރޫއު ހުއްޓުވަން ސިވިލް ކޯޓަށް ތިމާވެށީގެ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން ހައި ކޯޓުގެ ދެ ފަނޑިޔާރުގެ އަގުލަބިއްޔަތުން މިއަދު ނެރުނު އަމުރުގައި ބުނީ ބިން ހިއްކުމުގައި އެންވަރަޔަމަންޓް އިމްޕެކްޓް އެސެސްޓްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ތިމާވެށްޓަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން ފާހަގަވާ ކަމަށެވެ.

އެހެންވެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށް ކޯޓުން ބުންޏެވެ.